ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދެވިފައި ނުވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އިންތިހާބާ ބެހޭ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ ކެމްޕޭން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުކަމަށާއި ޕްރައިމަރީގެ ތެރޭގައިވެސް ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުން ހުރިކަމަށެވެ.

ނަމަވެސް ޕްރައިމަރީއާ ގުޅިގެން ހިތްހަމަ ނުޖެހުން ހުރި ފަރާތްތަކާއި ރައްޔިތުންގެ ހައްގުތަކާއި ގުޅޭ މަސައްކަތަކާއި ހާއްސަކޮށް ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގިނަ ބޭފުޅުން އެބަވިދާޅުވޭ، ރޭގެ ޖަލްސާއަށް މީހުން ނިކުތް މިންވަރު މަދޭ، އަޅުގަނޑުމެން ބަލައިގަންނަން މީހުން ނިކުތް މިންވަރު މަދުކަމަށް. އަޅުގަނޑުމެން ދެކޭގޮތުގައި މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެންނަށް ހައްލު ހޯދާދެވޭނެ. އަޅުގަނޑުމެނެއް ނުދެކެން އެހެން ސިޔާސީ ޕާޓީއަކަށް، މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދެމެހެއްޓެނެވި ހައްލެއް ހޯދާދެވިދާނެ ކަމަށް
ނަޝީދު

ނަޝީދު އެހެން ވިދާލުވެފައި ވާއިރު ރޭގެ ޖަލްސާގައި މީހުން މަދުވެފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާ ބޭއްވި ޖަލްސާތަކަށް މާލޭން މީހުން ދިއުމުން ކަމަށް އެއް ބަޔަކު ބުނަމުން އަންނައިރު އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.