ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ މީހަކާ ސީދާ ގޮތުން ގުޅުމެއް ނެތް ފަރާތްތަކާ، ޗައިނާއާއި އެއްވެސް ވަރެއްގެ ގުޅުމެއް ނެތް މީހުންގެ ހަށިގަނޑުންވެސް މިހާރު މި ވައިރަހުގެ އަސަރު ފެންނަމުންދާކަމީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑްނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ޑރ ޓެޑްރޯޒް ކަންބޮޑުވުންފާޅުކުރައްވާފައި މިވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އީރާނުން މަރުވި މީހުންގެ އަދަދު 4 އަށް އެރުމާ ގުޅިގެންނެވެ.

މެދުއިރުމަތިން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން މީހަކު މަރުވިކަމަށް ފުރަތަމަ ރިޕޯޓްކުރީ އީރާނުން/ފޮޓޯ: ހިންދުސްތާން ޓައިމްސް

މިމޭރުމުން ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ލިބިފައިވާ ފުރުސަތު މިހާރު ހަނިވަމުން ދާ ކަމަށެވެ.

ކަންމިހެން އޮތްއިރު އީރާނުގެ އޮފިޝަލުންވަނީ އެގައުމުގެ ހުރިހާ ސިޓީއަކަށް ކޮވިޑް-19 ފެތުރިފައިވުން އެކަށީގެންވާކަމުގެ އިންޒާރު ދެއްވާފައެވެ.

ޗައިނާއިން ބޭރުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދު 1152އަށް އަރާފައިވާއިރު ޗައިނާއިން ބޭރުގައި 8 މީހަކު ވަނީ ކޮވިޑް-19ޖެހިގެން މަރުވެސްވެފައެވެ.

ކޮރޯނާ ވައިރަސްއިން ސާލަމަތް ވުމަށް އާމުން މާސްކް އަޅައިގެން / ފޮޓޯ: ހަސަން އަތޫފް \ ދަ ޕްރެސް

ޑރ ޓެޑްރޯޒް ވިދާޅުވީ ޗައިނާއިން ބޭރުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން މަދު ކަމުގައި ވީ ނަމަވެސް، އިންފެކްޝަން ފެތުރެމުންދާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އީރާނުން ބަޔަކު މި ވައިރަހަށް އިންފެކްޓްވެ، އެ ބަލީގައި މަރުވެދިއުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ޑރ ޓެޑްރޯޒްވަނީ ވަކިން ފާހަގަކުރައްވާފައެވެ.

މިފަދަ ގޮތަކަށް މަސްރަހު އޮތް ކަމުގައި ވީ ނަމަވެސް، ކޮވިޑް-19އާއި ދެކޮޅަށް ޗައިނާއާއި އެހެންވެސް ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ގޮތަށް ބަލާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް އެބައޮތްކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. އަދި މިބަލި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަދިވެސް އިތުރު ފިޔަވަޅުތައް އަޅާ، އިތުރު ވަސީލަތްތައް ބޭނުން ކުރުމަށްވެސް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ.