ކުރޫޒްލައިނާ އެމްއެސް ވެސްޓަޑޭމްއިން ދަތުރުކުރި ފަސެންޖަރަކު މެލޭޝިއާގައި ކޮރޯނާވައިރަސް (ކޮވިޑް-19)އަށް ޕޮޒިޓިވްވުމާއެކު އިތުރު ފަސެންޖަރުންވެސް މި ވައިރަހަށް ހުށަހެޅިފައި އޮވެދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.
ކަންމިހެން އޮތްއިރު، ކެމްބޯޑިއާގައި ބަނދަރުކޮށްފައި އޮތް މި ކުރޫޒްލައިނާއިން ގިނަ އަދަދެއްގެ ފަސެންޖަރުން މިހާރު ވަނީ ފައިބާފައިވެސްމެއެވެ. 5 ބަނދަރެއްގައި ޑޮކް ކުރުމުގެ ހުއްދަ ނުދިނުމުން އެންމެ ފަހުން ކެމްބޯޑިއާއިން ދިން ހުއްދައާއެކު އެ ގައުމުގައި މި ކުރޫޒްލައިނާ ބަނދަރުކުރީ މިދިޔަ ހަފުތާގައެވެ. މިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން މަރުހަބާވެސް ކިއެވެ. ނަމަވެސް، މި ނިންމުމަކީ ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމާ މެދު މިހާރު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިތުރު ކުރޫޒްލައިނާއެއްގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިދާނެކަމުގެ ބިރުވެރިކަން އަނެއްކާވެސް މިވަނީ އިތުރުވެފައެވެ. ޖަޕާނުގައި އޮތް "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާގައިވެސް ކޮވިޑް-19 ވަނީ ހަލުވިކަމާއެކު ފެތުރިފައެވެ. އެ ކުރޫޒްލައިނާއިން މިހާތަނަށް 621 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ވެސްޓަޑޭމް ކެމްބޯޑިއާއަށް ދިޔައީ ކިހިނެއް؟
1455 ފަސެންޖަރުންނާ 802 ކުރޫއިންނާއެކު ވެސްޓަޑޭމް ކުރޫޒްލައިނާ ދަތުރުކުރަމުން ދިޔައީ އޭޝިއާ ޓޫއާއެއްގައެވެ. މިސްރާބު ޖަހާފައި އޮތީ ޖަޕާނަށެވެ. ނަމަވެސް ޑައިމަންޑް ޕްރިންސަސް ގެ ތަޖުރިބާއަށް ބަލާ، ޖަޕާނުން ވަނީ ވެސްޓަޑޭމްއަށް ޑޮކް ކުރުމުގެ ހުއްދަ ދިނުމަށް އިންކާރުކުރިއެވެ. އޭރު ބަލި އެއްވެސް ފަސެންޖަރަކު ކުރޫޒްލައިނާގައި ނެތެވެ. ނަމަވެސް އެ ކުރޫޒްލައިނާ އޭރު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރިފައިވާ ހޮންގްކޮންގްގައި ޑޮކްކޮށްފައެވެ. އެހެންކަމުން ވެސްޓަޑޭމްގައިވެސް ކޮވިޑް-19ގެ އަސަރު އުޅެފާނެ ކަމަށް ގިނަ ބަޔަކު ދިޔައީ ގަބޫލުކުރަމުންނެވެ.
ޖަޕާނަށް ފަހު އިތުރު 4 ބަނދަރަކުން ވަނީ ޑޮކިންގް ލައިސަންސް ދިނުމަށް އިންކާރުކޮށްފައެވެ. ނަމަވެސް ސިހަނޫކްވިލްގައި ބަނދަރުކުރުމަށް ކެމްބޯޑިއާއިން ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ހަގީގީ ނުރައްކަލަކަށް ވީ ކިހިނެއް؟
ކެމްބޯޑިއާގައި ބަނދަރު ކުރުމަށްފަހު ގިނަ އަދަދެއްގެ ފަސެންޖަރުން އެ ކުރޫޒްލައިނާއިން ފޭބިއެވެ. އަދި އެމީހުންގެ އަމިއްލަ ވަޒަންތަކަށް ނުވަތަ ދަތުރުގެ އެހެން މަންޒިލްތަކަށް ވައިގެ މަގުން ދަތުރުފެށިއެވެ.
ވެސްޓަޑޭމްއާއި މެދު ކަންބޮޑުވުންތައް އުފެދެން ފެށީ، ބޯޓުން ފޭބި ފަސެންޖަރުންގެ ތެރެއިން ވައިގެ މަގުން މެލޭޝިއާއަށް ދަތުރުކުރި، އުމުރުން 80 އަހަރަށްވުރެ ދޮށިވެފައިވާ އެމެރިކާ އަންހެނަކު ކުއާލަމްޕޫރު ވައިގެ ބަނދަރުން ސްކްރީންކުރަން ފެށި ހިސާބުންނެވެ. އެމީހާ ވަނީ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު ބަލި 20 މީހަކު ކުރޫޒްލައިނާގައި ތިއްބެވެ. އެމީހުންގެ ހުން ބެލުމާ، މެޑިކަލް ފޯމެއް ފުރުވުން ފިޔަވާ އިތުރު ކަމެއް ނުކުރާ ކަމަށްވެސްއެވެ.
އެވަގުތާ ޖެހުނުއިރު ވެސްޓަޑޭމްއިން ނުފައިބާ ތިބި މީހުން ވަގުތުން ކަރަންޓީނު ކުރިއެވެ. ނަމަވެސް އޭރު އެތައް ސަތޭކަ ބަޔަކު އެ ކުރޫޒްލައިނާ ދޫކޮށް ހިނގައްޖެއެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ބަޔަކު އަމިއްލައަށް ފުރަންދޭ ފޯމުތަކަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ފަސެންޖަރުންނަކީވެސް އެންމެ ކުޑަމިނުން ކްލިނިކަލީ ޑައިގްނޯޒް ކުރަންޖެހޭނެ މީހުންނެވެ.
2 ހަފުތާގެ މުއްދަތެއް ބޯޓުތެރޭގައި ކަރަންޓީނުވެގެން ތިބުމަކީ ހައްލެއް ނޫނެވެ. އެކަށީގެންވާ ފިޔަވަޅެއް މި މުއްދަތުގައި ނާޅާ އޮވެއްޖެނަމަ، އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން، އެހެން މީހުންނަށް މި ބަލި ފޯރުމުގެ ފުރުސަތު އިންތިހާއަށް އޮވެއެވެ. ކަންމިހެން އޮތްއިރު، މިފަދަ ކުރޫޒްލައިނާތަކަކީ ކަރަންޓީނު ފެސިލިޓީއެއްގެ ޝަރުތު ހަމަވާފަދަ ފަރުމާއަކަށްވެސް ފެތޭ އުޅަނދުތަކެއް ނޫންކަމަށް ފަންނީ މާހިރުން ބުނެއެވެ.
ފަސެންޖަރުންނަށް ކެމްބޯޑޮއާއިން ކީ ހޫނު މަރުހަބާއެއް
ކެމްބޯޑިއާއަކީ ކޮވިޑް-19ގެ ފެށުން ކަމަށްވާ ޗައިނާއާއި ގާތް ގުޅުންތަކެއް އޮންނަ ގައުމެކެވެ. ކޮވިޑް-19ގެ ބިރާއެކު ބަނދަރުކުރުމުގެ ހުއްދަ ނުލިބި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސަލާންޖަހަމުން ދިޔަ މި ކުރޫޒްލައިނާ ބަނދަރު ކުރުމަށް އެންމެ ފަހުން ހުއްދަ ދިން ކެމްބޯޑިއާއިން އެ ކުރޫޒްލައިނާގެ ފަސެންޖަރުންނަށް ކިއީވެސް ހޫނު މަރުހަބާއެކެވެ. ފަސެންޖަރުންނަށް މަރުހަބާ ކިޔަން އެންމެ ކުރީ ސަފުގައި ހުންނެވީވެސް އެ ގައުމުގެ ބޮޑުވަޒީރު ހޫން ސެންއެވެ.
ބޮޑު ވަޒީރުގެ އިތުރުން އެސަރަހައްދުގައި ދެން ތިބި އެއްވެސް މީހަކު ހުރީ ސިއްހީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއްވެސް ނާޅައެވެ. އެންމެ ކުޑަ މިނުން މާސްކެއްހާ ހިސާބުވެސް ނާޅައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކެމްބޯޑިއާއިން ޗައިނާއަށް އަދާކޮށްދިން ދަރަންޏެކެވެ.