ޖަރުމަނުވިލާތުގެ ހަނާއޫ ސިޓީގެ ޝީޝާ ބާތަކެއްގައި ބަޑީގެ ހަމަލާތަކެއްދީގެން ހިންގި 2 ހާދިސާއެއްގައި 8 މީހުން މަރާލައިފިއެވެ.
ރޭ ދަންވަރު 02:00 ހާއިރު ދިން ބަޑީގެ ހަމަލާތަކުގައި 5 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް ޖަރުމަނު ފުލުހުން މައުލޫމާތު ދެއެވެ.
ޖަރުމަނުވިލާތުގެ ފުލުހުން ބުނީ މި ޖަރީމާ ހިންގި މީހުން ހަމަލާތައް ދިނުމަށްފަހު ވަގުތުން ފިލާފައިވާ ކަމަށާ، އެމީހުން އަދި އަތުލައިގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެމީހުން ހޯދުމަށްޓަކައި ފުލުސް އޮފިސަރުންނާ ސަލާމަތީ ހެލިކޮޕްޓަރުތައްވެސް ޕެޓްރޯލް ޑިއުޓީ ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
ފުރަތަމަ ހާދިސާ ހިނގާފައިވަނީ ޝީޝާ ބުއިމަށް ހާއްސަކޮށްގެން ޖަރުމަނުވިލާތުގައި ހިންގާ "މިޑްނައިޓް" ޝީޝާ ބާގައެވެ. މި ބާއަށް ބަޑީގެ ހަމަލާ ދިނުމުގައި ހަރަކާތްތެރިވީ ކިތައް މީހުން ކަންވެސް އަދި ސާފެއް ނުވެއެވެ. ގިނަ އަދަދެއްގެ ބަޔަކު ވެގެން ދިން މި ހަމަލާތަކަށްފަހު، ދުއްވާ އެއްޗަކަށް އަރައިގެން ގޮސް އެމީހުން ދެން ހަމަލާ ދިނީވެސް ޝީޝާ ބާއަކަށެވެ. އެތަނަށް ހަމަލާދީ 5 މީހަކު މަރާލުމަށްފަހު އަނދިރިކުލައެއްގެ އުޅަނދަކަށް އަރައިގެން ބަޑިޖެހި މީހުން ފިލިކަމަށް ޚަބަރު ލިބެއެވެ.
ޖަރުމަނުވިލާތުގެ ފުލުހުން ބުނީ މި ޖަރީމާގެ މަގުސަދު އަދި ސާފުނުވާ ކަމަށެވެ. ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މީގެ 4 ވަރަކަށް ދުވަސް ކުރިން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. ތުރުކީ ކޮމެޑީ ޝޯއެއް ކުރިއަށް ދިޔަ ވަގުތު ދިން މި ހަމަލާތަކުގައި 1 ފުރާނަ ވަނީ ގެއްލިފައެވެ.