ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރެވޭނެ ގޮތަށް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއެވެ. އީސަ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ހަ މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.

އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

އީސަ ހުށަހެޅި އިސްލާހާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެ ވެސް އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

ބައެއް ތަންތަނުގައި އާދައިގެ ސްޓާފުންގެ ގޮތުގައި މިހާރުވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދާއިމީނުކޮށް މީހުން ލައްވާ މަސައްކަތް ކުރުވާ ކަމަށް ވިދާޅުވެ އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނީ ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ. ހަ މަހުގެ ޕްރޮބޭޝަން މުއްދަތަކީ ވަޒީފާ އަދާކުރާ ފަރާތުގެ ހައްގު ގެއްލި ވަޒީފާ ދޭ ފަރާތަށް ލިބިދެވޭ އިތުރު މަންފާއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.