މިއަހަރުގެ މެދެއްހާ ހިސާބުގައި ޖަޕާނުގައި ފަށާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ މުސްލިމު އެތްލީޓުންނާ އޮފިޝަލުންނަށް އަމާޒުކޮށްގެން ޖަޕާނުން ހާއްސަ މިސްކިތްތަކެއް ފަރުމާކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މިސްކިތްތަކަކީ އެއްތަނުން އަނެއް ތަނަށް ބަދަލު ކުރެވޭ ގޮތަށް، ނުވަތަ ޕޯޓަބަލް ކޮންސެޕްޓް އުސޫލުން ފަރުމާކޮށްފައިވާ މިސްކިތްތަކެކެވެ.

ޯޓޯކިޔޯ 2020 އޮލިމްޕިކްސްއާއި ދިމާކޮށް ޖަޕާނަށް ދަތުރުކުރާ މުސްލިމުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މޯބައިލް މޮސްކް/ފޮޓޯ: އިލްމް ޒޯވްޔާ

ޖަޕާނުން މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވަނީ، އޮލިމްޕިކްސްއާއި ދިމާކޮށް ޖަޕާނަށް ދަތުރުކުރާ އެތައް ހާސް މުސްލިމު އެތްލީޓުންނާ އޮފިޝަލުން އަދި ސަޕޯޓަރުންނަށް، ތަކުލީފުތަކެއް އުފުލަން ނުޖެހި، ފަސޭހަ ކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމުގެ ގޮތުން ކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

"މޯބައިލް މޮސްކް"ގެ ގޮތުގައި ޖަޕާނުން ތައާރަފުކޮށްފައިވާ މި މިސްކިތްތައް ފަރުމާކޮށްފައިވަނީ ޓްރަކްގެ ފަހަތުން 48 އަކަ މީޓަރުގެ ނަމާދުގެއެއް ހުޅުވާލެވޭ ގޮތަށެވެ. މި ޓްރަކްއަކީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ސައިޒުން ބޮޑު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓްރަކްއެއް ކަމަށާ، ނަމާދު ކުރުމުގެ ކުރިން ވުޟޫކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުވެސް ޓްރަކްގެ ބޭރުގައި ހަމަޖެހިފައިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޯޓޯކިޔޯ 2020 އޮލިމްޕިކްސްއާއި ދިމާކޮށް ޖަޕާނަށް ދަތުރުކުރާ މުސްލިމުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މޯބައިލް މޮސްކް/ފޮޓޯ: އިލްމް ފީޑް

ޖުލައި 24 ވަނަ ދުވަހު ފަށާ އޮލިމްޕިކްސް މުބާރާތުގެ އެތްލީޓުން ތިބެން ހަމަޖެހިފައިވާ 'އެތްލީޓްސް ވިލެޖު'ގައިވެސް ނަމާދު ކުރަން ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޖަޕާނަކީ ނިސްބަތުން ބަލާއިރު މިސްކިތް މަދު ގައުމެކެވެ. ނަމަވެސް ޖަޕާނުގެ ބައެއް ހޮޓާތަކަކީ ނަމާދު ކުރަން ބޭނުން ކުރާ މުއްސަލަވެސް ހުންނަ ހޮޓާތަކެއްކަން ފާހަގަކުރަންޖެހެއެވެ. މީގެ އިތުރުން އެ ހޮޓާތަކުގައި ގިބްލަވެސް ފާހަގަކޮށްދީފައި ހުރެއެވެ.