ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި އެއީ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާއި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް "ހަޑިހުތުރުބަހުން" އަލީ ވަހީދުގެ އަޑުން ވާހަކަދައްކަވާ އޯޑިއޯއެއް އާންމުވެފައި ވާއިރު އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު، އެއީ "ފޭކް" އޯޑިއޯއެއް ކަމަށް ވިދާޅުވެފައި ވާއިރު އެ އޯޑިއޯގައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ އަޑު އިވެއެވެ. އޯޑިއޯ ލީކް ކުރި މީހުން ބުނަނީ އޯޑިއޯގައި ވާހަކަ ދައްކާފައި ވަނީ މިނިސްޓަރު އަލީ ވަހީދާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ކަމަށެވެ. އަދިވެސް އެފަދަ އޯޑިއޯތަށް ހުރި ކަމަށްވެސް އެ އޯޑިއޯތަށް ލީކްކޮށްފައިވާ ފަތާރުން ބުނެއެވެ.