ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
އެ އޯޑިއޯގައި އަލީ ވަހީދު ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއްވެސް އެޅުއްވީ އޭނާކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރު އަމީނު ކުރެއްވި ކަމަކީ "ހެދިކާ ކައިގެން ކެމެރާ މަނުން ގޮވައިގެން ފޮޓޯ ނެގުން" ކަމަށްވެސް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން އެއާޕޯޓުގައި ހަރުކުރި ކެމެރާތައް ގެންނެވީ އޭނާ ކަމަށާއި މާސްކް ގެންނެވީވެސް އޭނާ ކަމަށް ވިދާޅުވެއެވެ. އަދި ކަރަންޓީނު ފެސިލިޓީތައްވެސް ހެެއްދެވީ އަލީ ވަހީދު ކަމަށްވެސް ވިދާޅުވެއެވެ. އަދި އެ ހުރިހާ ކަމެއް އޭނާ އަމިއްލައަށް ކުރެއްވި އިރު އަމީނު ކުރެއްވީ ކޮންކަމެއްތޯ އަލީ ވަހީދު ސުވާލުކުރައްވައެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވެފައި ވަނީ އަމީނު ހުރިހާ ކަމެއްވެސް ކުރައްވަނީ ޓްވީޓާއަށް ލައްވަން ކަމަށާއި، އަލީ ވަހީދުވެސް ކުރިން ކަންތައް ކުރެއްވީ އެގޮތަށް ކަމަށެވެ.
ނަމަވެސް މިހާރު އެގޮތަށް ކަންތައް ނުކުރައްވާ ކަމަށާއި ޓްވިޓާ އެއީ އާންމުން ބަލައިގަންނަ އެއްޗެއް ނޫންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އަލީ ވަހީދު ކުރެއްވި މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ތައުރީފު ކުރެއްވި ކަމަށާއި ގިނަ ވަޒީރުންނާއި މަޖިލީސް މެންބަރުންވެސް އޭނާގެ މަސައްކަތް ބަލައިގަތްކަމަށް ވިދަޅުވެފައިވެއެވެ.
އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑު ބަރޭ) އާއެވެ.