ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު 55 މިލިއަން ޑޮލަރަށް ވުރެ ގިނަ ވާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށާއި، އެއަށްވުރެ މާބޮޑު އަދަދެއް އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

އުޝާމް ވިދާޅުވީ، ހުޅުމާލޭގައި ސިފައިންގެ ފްލެޓް އެޅުމަށް އެމްއެންޑީއެފް ސިފްކޯ އިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާ ދޭން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުތަކުގައި ބުނެފައިވާ 92 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ސްޓްލްމަންޓް އެގްރީމަންޓުގައި ހިމަނާގައިފާ ކަމަށެވެ.

އެމްއެންޑީއެފް ސިފްކޯ ފްލެޓް ޕްރޮޖެކްޓަކީ ނޫމަޑިން ހުށަހަހެޅި އާބިޓްރޭޝަނާ އެއްވެސް ގުޅުމެއް އޮތް ޕްރޮޖެކްޓެއް ވެސް ނޫން ކަމަށް އުޝާމް ވިދާޅުވިއެެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލާގައި ބަދަލުގެ ގޮތުގައިި 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން ވަނީ އާބިޓްރޭޝަން ހުށަހަޅާފައެވެ. އަދި މި ހުށަހެޅުމަށް ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފައެވެ.

ސަރުކާރުން މިހާރު ވަނީ އެ ފައިސާ ނޫމަޑިއަށް ދައްކާފައެވެ. މިކަން ހާމަ ކުރެއްވީ، މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، ނޫމަޑި އަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދީފައިވާ ކަމަށެވެ. އަދި ދެވަނަ ޕޭމަންޓް ދައްކަން އޮތީ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކަމަށާއި، އެ ފައިސާ ވެސް މިހާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ނޫމަޑި އަށް ބަދަލު ދޭން އެއްބަސްވީ އާބިޓްރޭޝަންގައި މައްސަލަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.