ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) ގެ މައްސަލައަށް ދައުލަތަށް ގެއްލުންވާގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބަސްވުމެއްގައި ސޮއިކޮށްގެން ނުވާނެ ކަމަަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެެވެ.

ޓާމިނަލްއާއި ގުޅިގެން ޝަރީފު ވިދާޅުވެފައި ވަނީ އެއްބަސްވުމެއް ބާތިލު ކުރަން ޖެހުނަސް ދެވޭނެ ބަދަލު ގެ މިންވަރު އެއްބަސްވުމުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. އަދި ދައުލަތުން ބަދަލުދޭން ޖެހޭ ހާލަތު ތަކުގައިވެސް އެންމެ ގިނައިން ދެވޭނެ މިންވަރު ގާނޫނުން ބަޔާންކޮށް މިންވަރެއް ކަނޑައަޅަން ޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލައަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެފައި ވަނީ އަސްލު އެއްބަސްވުމެއް ލިޔެ ދައުލަތުގެ ފަރާތުން ސޮއިކޮށްފައި ނެތި، އެއްބަސްވުމެއް ވުމަށް އެއްބަސްވެ ފޮނުވާ ސިޓީ އަކީ އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ސީޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި ސީޕްލޭން ޓާމިނަލާއި ގުޅޭގޮތު މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށް ވުރެ ރަނގަޅު ގޮތެއް ކަމަށާއި ގައުމުގެ ކަންކަން ނިންމަން ޖެހޭނީ ވަރަށް ހިކުމަތްތެރި ކަމާއެކު ފަހުން ގެއްލުން ނުވާނެހެން ކަމަށެވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޓާމިންލެގެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީވެސް މިއަދެވެ.

ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި ގޯސް ހެދި މީހުންގެ މައްޗަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށެވެ. ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އާ ސީޕްލޭން ޓާމިނަލަކީ، ދައުލަތަށް ބޮޑު އާންމުދަނީއެއް ލިބޭނެ ތަނަކަށް ވާއިރު، އެތަން ޓީއެމްއޭއަށް ދޭން ނިންމާފައިވާ ގޮތުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ މާލީ ނަފާ ދައުލަތަށް ގެއްލިގެން ދާކަމަށް މާހިރުން ވިދާޅުވެއެވެ.