ފިލްމީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ސިފަކުރަމުން އަންނަ އޮސްކާ އެވޯޑްސް ހަފުލާގެ ލައިވް ޓެލެކާސްޓް ބެލި މީހުންގެ އަދަދު މިއަހަރު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ.

ހޮލީވުޑް ފިލްމީ ސިނާއަތުގެ މަރުކަޒު ކަމަށްވާ އެމެރިކާގައި މި އަހަރުގެ އެވޯޑް ހަފުލާ ބެލި މީހުންގެ އަދަދު ވަނީ، ތާރީހު ނުދެކޭ ވަރުގެ ރޭޓަކަށް ދަށަށް ގޮސްފައެވެ.

ނީލްސަންގެ ރެކޯޑްތައް ދައްކާ ގޮތުގައި، އޭބީސީއިން ދުރަށް ފޮނުވި 92 ވަނަ އޮސްކާ އެވޯޑްސް ހަފުލާގެ ލައިވް ޓެލެކާސްޓް، ވަގުތުން ބަލާފައިވަނީ ގާތްގަނޑަށް 23.6 މިލިއަން މީހުންނެވެ. މިދިޔަ އަހަރު މިއަދަދު އުޅުނީ 29.5 މިލިއަންގައެވެ.

ލައިވް ޓެލެކާސްޓް ބެލި މީހުންގެ އަދަދު ދަށްވި ނަމަވެސް، ވިދިވިގެން 2 އަހަރު ހޮސްޓަކާ ނުލާ ގެނެސްދިން މި އެވޯޑް ހަފުލާއަކީ އަދިވެސް އެންމެ ގިނަ މީހުން ބަލާ އެވޯޑް ހަފުލާގެ ޓައިޓަލް ދަމަހައްޓާ ހަފުލާއެވެ. ކަންމިހެން އޮތް ނަމަވެސް ޝޯ ބަލާ މީހުންގެ އަދަދު ދަށްވުމަކީ ހޮސްޓަކާ ނުލާ ކާމިޔާބު ޝޯއެއް ގެނެސްދިނުމަށް އޮސްކާގެ އިންތިޒާމު ކޮމިޓީއަށް ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ސިފަކުރެއެވެ.

މިއަހަރުގެ އެވޯޑް ސީޒަނަށް ބަލާއިރު، ގްރެމީއާއި އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް އެވޯޑްސް ހަފުލާ ބެލި މީހުންގެ އަދަދުވެސް ވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ދަށަށް ގޮސްފައެވެ.