ބޮމުގެ ހަމަލާއެއްގެ އިންޒާރު ލިބުމާއެކު ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޯޓުތަކާ، ސްކޫލްތަކާ، މޯލްތައް ހުސްކޮށް އާންމު ހާލަތު އެލާޓަށް ގެނައިތާ އެތައް މަހެއް ވީއިރު، މި ކަމުގެ އެންމެ ފުނުގައި އޮތް ހަގީގަތް އަދިވެސް ހޯދޭ ގޮތެއް ނުވެއެވެ.

އެވެނި މިވެނި ތަނެއްގައި ބޮމެއް ވާނެ ކަމަށް ބުނެ ރަޝިއާގެ އެކި ސިޓީތަކަށް އިންޒާރުގެ މެސެޖުތައް ލިބެމުންދެއެވެ. މިކަންތައް އެންމެ ބޮޑުވެފައި ވަނީވެސް މޮސްކޯގައެވެ. ދުވާލެއްގެ މައްޗަށް މިފަދަ 1000 އެއްހާ އިންޒާރުގެ މެސެޖު ދައުރުވެއެވެ. މިއިން އެއްވެސް މެސެޖެއްގައި ހަގީގަތެއް އަދި އެކުލެވިގެންނެއް ނުވެއެވެ. އެހެނީ، އެ މެސެޖުގައި އެބުނާ އެއްވެސް ތަނެއްގައި ބޮމެއް ނޯވެއެވެ. ނުވިތަނަކަށް، އެހެން ދިމާލަކުންވެސް އެއްޗެއް ނުގޮވައެވެ. ނަމަވެސް އެއީ ފޭކު މެސެޖެއްކަން ނިންމެން ނޯންނަނީ، ހަގީގަތަކަށް ވެއްޖެނަމަ ލިބޭނެ ގެއްލުމުގެ އަގު ބޮޑުވާނެތީއެވެ.

މިކަމެއް ފެށިގެން އައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މޮސްކޯއަކީ ރަޝިއާގެ މަރުކަޒީ ސިޓީއެވެ. 16 މިލިއަނެއްހާ މުވައްޒަފުން މަސައްކަތްކުރާ ސިޓީއަށް ލިބެމުންދާ ބޮމުގެ އިންޒާރުތަކާއެކު އެތައް ސަތޭކަ ހާސް ބަޔަކު އެތަކުން ބޭރުކުރަން ކުރަންޖެހެއެވެ. ބައެއް ސްކޫލްތަކަށްވެސް ބޮމުގެ ހަމަލާއެއްގެ އިންޒާރު މެސެޖު ދުވާލެއްގެ މައްޗަށް ތަކުރާރުކޮށް ލިބެއެވެ. ބައެއް ބެލެނިވެރިން ބުނާ ގޮތުގައި، އެފަދަ އިންޒާރުތަކުގެ ސަބަބުން ސްކޫލު ހުސްކުރަން ކުރަން ޖެހުނު އަދަދުވެސް ގުނާ ކުރަން މިހާރު ދައްޗެވެ.

ބޮމުގެ ހަމަލާއެއް އަންނަން އުޅޭ ކަމުގެ އިންޒާރުގެ މެސެޖު ފޮނުވަނީ އެންކްރިޕްޓް ކޮށްފައިވާ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް އަމާޒުކުރަނީ، ބޮމުގެ ހަމަލާއެއްގެ އިންޒާރާއެކު އެތަނެއް ހުސްކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ތަންތަނަށެވެ. މިފަދަ "ޖަރީމާ"ތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުމާ ބެހޭ މާބޮޑު ދިރާސާއެއް އަދި ހެދިފައެއް ނެތެވެ. ނަމަވެސް 2017 ވަނަ އަހަރު ޓެލެފޯނު މެދުވެރިކޮށް ދިން މިފަދަ އިންޒާރުތަކެއްގެ ސަބަބުން އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވި ކަމަށް ރަޝިއާގެ އޮފިޝަލުން ވިދާޅުވެއެވެ.

"ފޭކު" ބޮމުގެ ހަމަލާގެ އިންޒާރުގެ މެސެޖުތަކެއް އެންމެ ފަހުން ދައުރުވީ މި ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އެ މެސެޖުތަކާ ގުޅިގެން 30 ކޯޓަކާ، ތައުލީމު ފޯރުކޮށްދޭ 150 މުއައްސަސާއެއްގެ އިތުރުން، 230 މެޓްރޯ ސްޓޭޝަނެއްގެ އިތުރުން 12 އަށްވުރެ ކުލިނިކާ، 75 ފަތާ ފެންގަނޑުތަކުގެ އިތުރުން 50 އަށްވުރެ ގިނަ ޝޮޕިންގް ސެންޓަރުން މީހުން ހުސްކޮށް، ކުއްލި ހާލަތަށް ގެނައެވެ.

މިފަދަ ހާލެއްގައި އެ ތަނެއްގައި ތިބި ބަޔަކު އެކުރަން ތިބި މަސައްކަތެއް ހުއްޓާލަންޖެހެއެވެ. ރައްކާތެރި ހިސާބަކަށް ބަދަލުވާންޖެހެއެވެ. މަސައްކަތަށް އެނބުރި ރުޖޫއަވެވެނީ ކަމަށް ހާއްސަ ތަމްރީނު ދީފައިވާ 'އަސްކަރީ' ކުއްތާތައް، ތަން ބަލާ ފާސްކުރުމަށްފަހު ސިގުނަލް ދިނުމުންނެވެ. މިގޮތަށް މިކަން ކުރަންޖެހުމުން، މަސައްކަތު ގަޑިން އެތައް ވަގުތެއް ބޭކާރުވާކަމުގެ ޝަކުވާއަކީ މޮސްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއެވެ.

ފޭކު އިންޒާރުގެ މެސެޖުތައް ފޮނުވާ އީމެއިލްތައް ބްލޮކް ކުރުން ފިޔަވާ ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. މިކަންކުރަނީ ކޮންބައެއްކަން ހާމަކޮށްފައި ނުވާއިރު، އެމީހުންނާ މެދު އިތުރު ފިޔަވަޅެއްގެ ވާހަކަވެސް ހާމަކޮށްފައެއް ނުވެއެވެ.