އެ ބުނާ "ފަލަސްތީނު" ގެ ބާރުހުރި މީހުންނަށް ރާއްޖެތެރޭގެ ރަށްރަށުން ހިލޭ ގޯތި ދީފައި ހުރި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައި ވަނީ، ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ޖެހިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް ފަދަ ކަމެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވަމުން، އަލީ ހުސެއިން ވިދާޅުވީ މާލޭގެ ބާރު ހުރި މީހުންނަށް ލ. ގަމުން 4000 އަކަފޫޓުގެ 512 ގޯތި ހިލޭ ދީފައި އެބަ އޮތް ކަމަށެވެ. އަދި މާލޭގެ ބާރުހުރި އެހެން ބައެއް މީހުންނަށް ފޮނަދޫ، ތުުސްދޫ، ހިންމަފުށި، ކާށިދޫ އަދި ހަނިމާދޫންވެސް ގޯތި ދޫކޮށްފައިވާ ކަމަށާއި މާލޭގައިވެސް ނިކަމެތި މީހުންނަށް އެއިން ތާކުންވެސް "ގޯތިގަނޑެއް" ލިބިފައި ނެތް ކަމަށެވެ.

އަނދުން ހުސައިން ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ "ކޯސްޓު ކިރު ދަޅެއް" ވަރުގެ ޖާގައެއްގައި ކަމަށާއި މާލޭގެ އިންޑަސްޓްރިއަލް ޒޯނުން މާލެ ރައްޔިތުންނަށް މި ސަރުކާރުން ބިން ދޫކުރާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބުމުގެ ބަދުނާމު އަނދުން ހުސައިން އެޅުއްވީ "ރާއްޖެތެރޭ" މީހުންގެ ބޮލުގައެވެ.