މިދިޔަ މަހުގެ 26 އިން ފެށިގެން އަރިދަފުސް ރޯގާ ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަފްތާ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 2282 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ހަފްތާގައި 4234 ފަރާތަކުން ރިޕޯޓުކޮށްފައި ވާއިރު، ތިން ވަނަ ހަފްތާގައި 4636 ފަރާތަކުންވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.

ހަތަރު ވަނަ ހަފްތާގައި 4121 ފަރާތަކުން ރިޕޯޓްކޮށްފައިވާއިރު، ފަސް ވަނަ ހަފްތާގައި ރިޕޯޓްކޮށްފައިވަނީ 7140 ފަރާތެއް ކަމަށް އެޗްޕީއޭގެތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭ އިން ބުނީ މިއީ އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ނުވަތަ ކޮރޯނާވައިރަހާ ގުޅިގެން އާންމުން ސްކްރީން ކުރަން ފެށުމުގެ ސަބަބުން އައި ބަދަލަކަށްވެސް ވެދާނެ ކަމަށެވެ.

މިކަމުން ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.