ތައިލޭންޑްގެ ނާކޯން ރާޗަސީމާ (ކޯރާތު) ސިޓީގައި ބަޑީގެ ހަމަލާތަކެއް ދީ ބަޔަކު މަރާ، އެތައް ބަޔަކު ޒަހަމްކޮށްލުމުގެ ޖަރީމާ ހިންގާފައިވަނީ، އެ އަމަލު ހިންގި ސިފައިންގެ ޖޫނިއާ އޮފިސަރު ޖަކްރަފާންތް ތޮއްމާއަށް ބަޔަކު މަކަރު ހަދާ އޮޅުވާލުމުގެ ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށް ބެލެވޭ ކަމަށް ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން-އޯޗާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޒަހަމްވީ މީހުންގެ ގާތަށް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޕްރަޔޫތު ވިދާޅުވީ، ތޮއްމާ ހިތްހަމަނުޖެހިގެން އުޅުނީ، ބިމުގެ މައްސަލައެއްގައި ބަޔަކު އޭނާއަށް އޮޅުވާލުންތަކެއް އޮޅުވާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ތައިލޭންޑްގައި ބަޑީގެ ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ސިފައިންގެ މީހާ/ފޮޓޯ: ފޭސްބުކް

ތޮއްމާގެ ހަމަލާތަކުގައި 57 މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާއިރު، އޭނާގެ ހަމަލާތަކުގެ ޝިކާރައަކަށްވެގެން މަރުވި މީހުންގެ އަދަދު މިހާރު 26 އަށް އަރާފައިވާކަންވެސް ބޮޑުވަޒީރު ވަނީ އިއުލާންކުރައްވާފައެވެ.

ތައިލޭންޑްގެ އަސްކަރީ ކޭމްޕަކާ ޝޮޕިންގް ސެންޓަރަކަށް ބަޑީގެ ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ޖަކްރަފާންތް ތޮއްމާ ހަތިޔާރާއެކު ހަރަކާތްތެރިވަނީ/ފޮޓޯ: ޚެމާނޯޓް

ހާދިސާ ހިނގަމުންދިޔަ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް، ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކަށް ލިބުނީ، މިއަދު ހެނދުނު 07:30 ހާއިރު، ތައިލޭންޑްގެ ސަލާމަތީ ބާރުތަކުން ތޮއްމާގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލުމަށް ފަހުގައެވެ. އުމުރުން 32 އަހަރުގެ ތޮއްމާގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލުމަށް، ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުންވަނީ އޭނާ ރަހީނުކޮށްގެން އުޅުނު 8 މީހުންވެސް ސަލާމަތްކޮށްފައެވެ.

ތޮއްމާވަނީ އެއްވެސް މީހަކީ މަރުން ސަލާމަތްވެވޭނެ މީހެއް ނޫންކަމަށް ބުނެ، ހަތިޔާރުތަކެއް އެކުލެވޭ މަންޒަރުތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްފައެވެ. އަދި އޭނާދިން ރަހުމެއް ނެތް ހަމަލާތަކުގެ މަންޒަރުވެސް ވަގުތުން ދުރަށް ފޮނުވަމުންދިޔައެވެ. ފޭސްބުކްއިން މިހާރުވަނީ ތޮއްމާގެ އެކައުންޓް ޑިލީޓްކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.