ކ. މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރިގޮތް ގޯސް ނޫން ކަަމަށް ވިދާޅުވެ ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިން ދިވެހި ފުލުހުންނަށް ތައުރީފު ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިއަކު ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައިފައި ވުމުން ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން ދީނީ އިލްވެރިން ވަނީ ރާއްޖޭގެ ފުލުހުން ކުރި މަސައްކަތަށް ތައުރީފު ކޮށްފައެވެ. އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުލް ލަތީފް ވިދާޅުވީ ފުލުހުން ކުރި އެ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. އަދި ފަތުރުވެރިން، އެމީހުން ޒިޔާރަތް ކުރާ ގައުމެއްގެ ދީނާއި ސަގާފަތުގެ އިތުރުން ގާނޫނަށް ހުރުމަތްރެތިކޮށް ހިތަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އިޔާޒްގެ އިތުރުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ފުލުހުން އެ ކަން ކުރީ ރަނގަޅަށް ކަމަށާއި ހުރިހާ ވީޑިއޯއަކުން ފެންނަ މަންޒަރުން ދިވެހި ފުލުހުންނަށް "ސެލިއުޓް" ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިންގެ ތައުރީފު ފުލުހުންނަށް ލިބެމުން ދާއިރު، ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުން އަމާޒުވުމުން ޓީވީއެމް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އެއަށް ވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާނުގެ އެވާހަކައަށް ރައްދު ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ޓޫރިސްޓު ހައްޔަރު ކުރި ގޮތުން ރާއްޖޭގެ ނަން ހަރަބު ވާ ކަމަށާއި، ފަތުރުވެރިއާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް (ހޯމް މިނިސްޓަރު) ދެކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބަޔާނެއް ނެރެފައި ވާއިރު އެ ނޫސް ބަޔާނުގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަތުރުވެރިޔާ އާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މައާފަށް އެދިފައެވެ.

ފުލުހުން ބުނެފައި ވަނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށްވީ ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ ލިބިފައެވެ.