ތައިލޭންޑްގެ ނާކޯން ރާޗަސީމާ (ކޯރާތު) ސިޓީގައި ބަޑީގެ ހަމަލާތަކެއް ދީ 21 މީހުން މަރާލައި، އިތުރު އެތައް ބަޔަކު ޒަހަމްކޮށްލި ސިފައިންގެ ޖޫނިއާ އޮފިސަރު ޖަކްރަފާންތް ތޮއްމާގެ ގަޔަށް، ތައިލޭންޑްގެ ސަލާމަތީ ބާރުތަކުން ބަޑިޖަހާ މަރާލާފައިވާކަން އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު އިރުއޮއްސުމާ ގާތްވެފައިވަނިކޮށް އޭނާގެ ކޮމާންޑިންގް އޮފިސަރަށް ހަމަލާދީ އޭނާ މަރާލުމަށްފަހު، ތޮއްމާ ވަނީ އަސްކަރީ ކޭމްޕަކުން ގިނަ އަދަދެއްގެ ހަތިޔާރު ވަގަށް ނަގައިގެން ގޮސް ކޯރާތުގެ ޝޮޕިންގް ސެންޓަރެއްގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިމަންޒަރުތައް ލައިވްވްވެސްކޮށްފައެވެ.

ތައިލޭންޑްގެ އަސްކަރީ ކޭމްޕަކާ ޝޮޕިންގް ސެންޓަރަކަށް ބަޑީގެ ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ޖަކްރަފާންތް ތޮއްމާ ހަތިޔާރާއެކު ހަރަކާތްތެރިވަމުން ނަގާފައިވާ ސެލްފީއެއް. ފަހަތުން ފެންނަނީ ޝޮޕިންގް ސެންޓަރު ކައިރީގައި ހުރި ގޭސް ކެނިސްޓަރަކަށް ތޮއްމާ ބަޑިޖެ

އަސްކަރީ ކޭމްޕުގައި ކޮމާންޑިންގް އޮފިސަރުގެ އިތުރުން އެ ކޮމާންޑިންގް އޮފިސަރުގެ މައިދައިތައާއި، އިތުރު ސިފައިންގެ މީހަކުވެސް ތޮއްމާގެ ޝިކާރައަކަށްވިއެވެ.

އުމުރުން 32 އަހަރުގެ ތޮއްމާ ގަޔަށް، ތައިލޭންޑްގެ ސަލާމަތީ ބާރުތަކުން ބަޑިޖަހާ، އޭނާ މަރާލާފައިވަނީ މިއަދު ހެނދުނު 07:30 ހާއިރުއެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލުތަކެއް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ތައިލޭންޑްގެ އަސްކަރީ ކޭމްޕަކާ ޝޮޕިންގް ސެންޓަރަކަށް ބަޑީގެ ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ޖަކްރަފާންތް ތޮއްމާ ހަތިޔާރާއެކު ހަރަކާތްތެރިވަނީ/ފޮޓޯ: ޚެމާނޯޓް

ތައިލޭންޑްގެ ގަޑިން 15:30 ހާއިރުން ފެށިގެން ތޮއްމާ ހަމަލާ ދެމުން، ދަތުރުކުރަމުންދިޔައީ އަސްކަރިއްޔާއިން ބޭނުންކުރާ ޓޭންކަރު ޒާތުގެ އުޅަނދެއްގައެވެ. އާންމުންގެ ތެރެއަށް ތޮއްމާ ބަޑިޖަހަންފެށީ އިރުއޮއްސި 06 ޖަހަނިކޮށެވެ.

އިއްޔެ ހަވީރުން ފެށިގެން ޝޮޕިންގް ސެންޓަރުގައި ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ތޮއްމާގެ ޖަރީމާއަށް ހުއްޓުމެއް ގެނެސް، ކަމާބެހޭ ފަރާތްތަކާ އޭނާ ހަވާލުވުމަށް އޭނާއަށް ވިސްނައިދިނުމުގެ ގޮތުން، ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ރޭ ވަނީ، ތޮއްމާގެ މަންމަވެސް ޝޮޕިންގް ސެންޓަރަށް ގެނެސްފައެވެ.

ތޮއްމާ، މި ޖަރީމާ ހިންގީ ކޮން މަގުސަދެއްގައި ކަން އަދިވެސް ސާފުވެފައެއް ނުވެއެވެ.

ތައިލޭންޑްގެ އަސްކަރީ ކޭމްޕަކާ ޝޮޕިންގް ސެންޓަރަކަށް ބަޑީގެ ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ޖަކްރަފާންތް ތޮއްމާ ޖަރީމާ ހިންގުމުގެ ވަގުތު ކޮޅެއް ކުރިން ފޭސްބުކް ޕްރޮފައިލް އަޕްޑޭޓުކުރި/ފޮޓޯ: ރީކްލެއިމް ދަ ނެޓް

އެތައް ގަޑިއިރެއް ވަންދެން ޝޮޕިންގް ސެންޓަރުގައި އޭނާގެ ކޮންޓްރޯލް ހިންގާ، ބަޑީގެ ހަމަލާތައް ދެމުންދިޔަ ތޮއްމާގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކުވެސް ވަނީ ޝޮޕިންގް ސެންޓަރުގައި ތާށިވެފައެވެ. އެމީހުންގެ ވާހަކަތައް މީޑިއާއަށް ތިލަވާން ފަށާފައިވާއިރު، ބައެއް މީހުން ބުނެފައިވާ ގޮތުގައި ތޮއްމާއަށް ފިލުމަށްޓަކައި، ފާހާނާތަކުގައި އެއްބަޔަކު ތިބިއިރު، އަނެއް ބަޔަކު ބަޑީގެ ވަޒަންތަކުން ދިފާއު ހޯދަމުންދިޔައީ ރެސްޓޯރަންޓްތަކުގެ މޭޒުތައް ދަށުގައި ތިބެގެންނެވެ. މި ގޮތަށް މޭޒު ދަށުގައި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހުނު މީހުންވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.