ތައިލޭންޑް އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިންގެ މީހަކު، ނާކޯން ރާޗަސީމާ (ކޯރާތު) ސިޓީގައި މީގެ ދޮޅުގަޑިއެއް ހާއިރު ކުރިން ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 12 އަށް އަރާފައިވާކަމަށާ، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައިވާކަން ތައިލޭންޑްގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ތައިލޭންޑްގެ ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ، ޖޫނިއާ އޮފިސަރެއްގެ މަގާމުގައި ހުރި ޖަކްރަފާންތް ތޮއްމާ ނަމަކަށް ކިއާ މީހަކު އެންމެ ފުރަތަމަ ހަމަލާދީފައިވަނީ އޭނާގެ ކޮމާންޑިންގް އޮފިސަރަށް ކަމަށެވެ. އެއަށްފަހު އަސްކަރީ ކޭމްޕަކުން ބަޑިއާއި ވަޒަން ވަގަށް ނެގީކަމަށްވެސް ތައިލޭންޑްގެ ދިފާއި ވުޒާރާގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.

މި ހަމަލާތަކުގައި މަރުވީ ކޮން ގައުމެއްގެ ބައެއްކަން އަދި ތައިލޭންޑްއިން ރަސްމީކޮށް ހާމަކޮށްފައެވެ.

ޖޫނިއާ އޮފިސަރު ޖަކްރަފާންތް ތޮއްމާގެ ހަމަލާ އެންމެ ފުރަތަމަ އަމާޒުވީ ބުދިސްޓު ފައްޅިއަކަށެވެ. އެއަށްފަހު، ވެރިރަށް ބެންކޮކްގެ އިރު-އުތުރު ސިޓީގެ ޝޮޕިންގް ސެންޓަރަކަށްވެސް ބަޑީގެ ހަމަލާތައް އަމާޒުވި ކަމަށް ޚަބަރު ލިބެއެވެ.

ބަޑީގެ ހަމަލާތަކެއްދީ 12 މީހުން މަރާލާ، އެތައް ބަޔަކު ޒަހަމްކުރި ސިފައިންގެ މީހާ އަދިވެސް ހައްޔަރުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުންވަނީ އާންމުން ގެތަކުން ނުނިކުތުމަށް އިންޒާރުކޮށްފައެވެ.

ތައިލޭންޑްގެ މީޑިއާއިން އާންމުކޮށްފައިވާ މަންޒަރުތަކަށް ބަލާއިރު، ބަޑިޖެހި މީހާ ޝޮޕިންގް ސެންޓަރުގެ ޓާމިނަލް 21ގެ ކުރިމަތީގައި އޮތް ވެހިކަލަކަށް އަރައިގެން ދުއްވާލާފައެވެ. އޭރުވެސް އޭނާ ދިޔައީ ބަޑީގެ ހަމަލާތައް ދެމުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. އިމާރާތުގެ ބޭރުގައި އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރުވެސް ވަނީ އާންމުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބަޑީގެ ހަމަލާ ގޭސް ކެނިސްޓަރަކަށް އަމާޒުވެގެން ހިނގި ހާދިސާއެކެވެ.

ޖޫނިއާ އޮފިސަރު ޖަކްރަފާންތް ތޮއްމާ ވަނީ ހަމަލާދެމުންދިޔަ މަންޒަރު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ލައިވްކޮށް މަންޒަރުތައް ދުރަށް ފޮނުވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކާ އޭނާ އަމިއްލައަށް ހަވާލުވާންވީތޯވެސް ސުވާލުކޮށްފައެވެ.