ޖަރުމަނުވިލާތުގެ ފަންނުވެރިއެއް ކަމަށްވާ ސައިމަން ވެކާޓް، ދާދިފަހުން ސޯޝަލް މީޑިއާގެ ސަމާލުކަން ހޯދީ، ދަތުރުފަތުރުކޮށް އުޅުމަށް ގިނަ ބަޔަކު މިއަދު އެ ޓެކްނޮލޮޖީއަކަށް ބަރޯސާވާ ގޫގްލް މެޕްސްއަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލި ހިސާބުންނެވެ.

ވެކާޓް ގޫގްލް މެޕްސްއަށް އޮޅުވާލީ، ގޫގްލް މެޕްސް އޮންކޮށްފައިވާ 99 ސްމާޓްފޯނު، ކުޑަކުޑަ ޓްރޯލީއެއްގައި ބާއްވައިގެން، ބާލިންގެ މަގެއްގެ މަތީގައި ހިނގާފައި ގޮސްގެންނެވެ.

ވެކާޓް ހިނގާފައި ދިޔައީ ހުސްކޮށް އޮތް މަގެއްގައެވެ. ނަމަވެސް ކުޑަކުޑަ ޓްރޯލީއެއްގައި، 99 ސްމާޓްފޯނު ގޫގްލް މެޕްސް އޮންކޮށްފައި އޮތުމުން ގޫގްލް މެޕްސް ބާލަލި ކޮންމެ މީހަކަށްވެސް އެ ސަރަހައްދު ފެނުނީ ފިތިބާރުވެ، ތޮއްޖެހިފައި އޮތް ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، ވެކާޓް މަޑު ދުވެއްޔެއްގައި ޓްރޯލީ ހިފައިގެން ހިނގަމުން ދިއުމުން، އެއީ ވެހިކަލްތައް ގިނަވެ، ޓްރެފިކް ޖޭމްވެފައި އޮތް ސަރަހައްދެއްގެ ގޮތުގައިވެސް ގޫގްލް މެޕްއިން ވަނީ ދައްކާފައެވެ.

ނަތީޖާއަކަށްވީ، ގޫގްލް މެޕަށް ބަރޯސާވި އެތައް ބަޔަކު އެވަގުތު އެހެން މަގުތަކުން ދާން، ދަތުރުގެ ރާސްތާ ބަދަލުކޮށް، ވެކާޓަށް މުޅި މަގު ހިތަކަށް ލިބުމެވެ. ވެކާޓް ވަނީ މިމަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

މި ޓެސްޓުގައި ވެކާޓް ބޭނުންކުރި 99 ސްމާޓްފޯނަކީ އޭނާ ކުއްޔަށް ނަގާފައިވާ ފޯނުތަކެއް ކަމަށްވާއިރު، މިއިން ކޮންމެ ފޯނަކަށްވެސް އޭނާ ވަނީ ސިމެއް ނަގާފައެވެ.

ވެކާޓްގެ ސްޓަންޓާ ގުޅޭ ގޮތުން ގޫގްލްއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.