އަންހެން ކުދިންނަށްވެސް ތައުލީމު ހައްގުކަމަށް ވަކާލާތު ކުރަމުންދާ އެކްޓިވިސްޓު މަލާލާ ޔޫސުފްޒާއީ މަރާލަން ދިން ވަރުގަދަ ހަމަލާގެ ޒިންމާ އުފުލާފައިވާ ތަހްރީކީ ތާލިބާނު ޕާކިސްތާނު (ޓީޓީޕީ)ގެ ކުރީގެ ތަރުޖަމާނު، އިހުސާނުﷲ އިހުސާން، ޕާކިސްތާނުގެ އަސްކަރީ ޖަލަކުން ފިލައިފިއެވެ.

އިހުސާނަކީ މާލާލާ މަރާލަން ދިން ހަމަލާގެ އިތުރުން، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ޓެރިރިސްޓް ހަމަލާތަކެއް ދިނުމުގައި ހަރަކާތްތެރިވާ ނުރައްކާތެރި ހަނގުރާމަވެރިއެކެވެ.

އިހުސާން ޖަލުން ފިލާފައިވާކަން ހާމަވީ، އެކަން ކާމިޔާބުކޮށްފައިވާކަން ބަޔާންކޮށް އޭނާގެ އަޑުން ރެކޯޑްކޮށްފައިވާ އޯޑިއޯ މެސެޖެއް އާންމުކުރި ހިސާބުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕާކިސްތާނުގެ އަސްކަރީ ޖަލުން އިހުސާން ފިލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން އަދިވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިހުސާނުގެ ނަމުގައި އާންމުކޮށްފައިވާ އޯޑިއޯ ރެކޯޑިންގްގައި އޭނާ ބުނެފައިވަނީ، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް އޭނާ އަމިއްލައަށް ހަވާލުވީ 2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 5 ދުވަހު ކަމަށެވެ. އެއީ 2 ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށާ، އެ އެއްބަސްވުމަށް އޭނާ އިހުތިރާމު ކުރަމުންދާތާ 3 އަހަރުވެފައިވާކަންވެސް އިހުސާނު ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އެ އެއްބަސްވުމާ ހިލާފުވެފައިވާކަމަށާ، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އޭނާ އާއި އޭނާގެ ދަރިން ގެންގުޅެމުންދަނީ ޖަލު ގޮޅީގައި ކަމަށްވެސް އިހުސާނުގެ ނަމުގައި އާންމުކޮށްފައިވާ އޯޑިއޯގައި ބުނެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެކަމަށް މި އޯޑިއޯގައި އިހުސާން ބުނެއެވެ.

ޕާކިސްތާނުގެ އަސްކަރީ ޖަލަކުން އިހުސާނު ފިލުމާއެކު، އެގައުމުގެ ސިޔާސީ މަސްރަހަށް ވަނީ ވަރުގަދަ ލޮޅުމެއް އަރާފައެވެ. އެގޮތުން، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަކީ ކަމަށް ނާގާބިލުބައެއް ކަމަށް ބުނެ، ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ. އެގޮތުން އަމިއްލައަށް ޓެރަރިސްޓެއް ކަމަށް އިއުތިރާފުވެފައިވާ މީހަކު ޖަލު ފިލުނު ގޮތަކާ މެދު ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ޖަވާބުދާރީ ވާންޖެހޭ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ޑިމާންޑުކުރަމުންނެވެ. އަދި ތޯލިބާނު ހަނގުރާމަވެރިންގެ ޖަމާއަތް ވަރުގަދަ ކުރަމުންދާ ކަމުގެ ތުހުމަތުތަކަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އެދެވޭ އިޖާބައެއް ނުދޭ ކަމަށްވެސް ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.