ނުރައްކާތެރި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ޕާކިސްތާނުގެ ރައްޔިތުން އެ ސަރަހައްދުން ނެރެ، ރައްކާތެރި ހިސާބަކަށް އިވަކުއޭޓް ކޮށްދޭން އިންޑިއާއިން ތައްޔާރަށް އޮތްކަން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ހާމަކުރައްވައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ވޫހާންގައި ތާށިވެފައިވާ އިންޑިއާގެ ރައްޔިތުން ބަލާ، އިންޑިއާއިން ޗައިނާއަށް 2 ފްލައިޓެއް އަޅާފައިވާއިރު، އެ ފްލައިޓްތަކަކީ ހަމައެކަނި އިންޑިއާގެ ރައްޔިތުން އުފުލާނެ ފްލައިޓްތަކެއް ނޫންކަމަށާ، އެއީ އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ ރައްޔިތުންވެސް އިވަކުއޭޓްކޮށްދިނުމަށް ކުރާ ދަތުރުތަކެއްކަން އިންޑިއާއިން ހާމަކޮށްފައިވާނެ ކަމަށެވެ.

ވޫހާން ސިޓީގައި ގިނަ ބަޔަކު ތާށިވެފައިވަނީ އެސިޓީއިން އުފެދި، ދުނިޔޭގެ އެކި ހިސާބުތަކަށް ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ކޮންޓްރޯލް ކުރުމުގެ ނަމުގައި ވޫހާން ސިޓީއާއި އެ ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސް ކަރަންޓީނު ކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ނިންމުމާ ގުޅިގެންނެވެ.

އަވަށްޓެރި ގައުމުތަކުން ވޫހާންގައި ތާށިވެފައިވާ ރައްޔިތުން އެ ސަރަހައްދުން ނެރެދޭން އިންޑިއާ ތައްޔާރަށް އޮތްކަން ހާމަކުރުމުން، އެކަމަށް ރަސްމީ ސިފައެއްގައި އިޖާބަދީފައިވަނީ ދިވެހިރާއްޖެއިން އެކަނި ކަމަށާ، މިއާއެކު ދިވެހިރާއްޖެއިން އިވަކުއޭޓްކުރުމަށް އެދުނު 7 މީހުން، އިންޑިއާގެ ބެލުމުގެ ދަށުގައި އިންޑިއާއަށް ގެނެސް، ކަރަންޓީނުކޮށްފައިވާކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.

ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާ، ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު އިންޑިއާއިން ކުރިއަށް ގެންދިޔަ ވޫހާން އިވަކުއޭޝަން ޕްރޮގްރާމްގެ ދަށުން ޖުމުލަ 654 މީހަކު އިންޑިއާއަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި 7 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއްވެސް ހިމެނެއެވެ. އިންޑިއާގައި ބިދޭސީން ކަރަންޓީނު ކުރަމުންދާ ފެސިލިޓީއިންވަނީ އެތަނުގައި ތިބި ބޭރު ގައުމުތަކުގެ މީހުން 2019-އެންކޯވްއަށް ނެގެޓިވްވެފައިވާކަން ހާމަކޮށްފައެވެ. ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އަލް-އުސްތާޒާ މާރިޔާ އަހުމަދު ދީދީވެސް ވަނީ، އިންޑިއާގައި ކަރަންޓީނުކޮށްފައިވާ 7 ދިވެހިންވެސް 2019-އެންކޯވްއަށް ނެގެޓިވްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

ވޫހާންގައި ތާށިވެފައިވާ ރައްޔިތުން އިވަކުއޭޓްކޮށްދިނުމަށް ޕާކިސްތާނުން އަދި އެދިފައި ނެތެއް ކަމަކު، އެފަދަ ހާލެއް މެދުވެރިވެއްޖެ ހިނދެއްގައި އެކަމާ ވިސްނުން އެކަށީގެންވާކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިންވަނީ ބުނެފައެވެ.

އިންޑިއާގެ 80 އެއްހާ ރައްޔިތުން އަދިވެސް ވޫހާންގައި އެބަތިއްބެވެ. އެއީ ގައުމަށް އެނބުރި ދަތުރު ނުކުރުމަށް ނިންމި 70 ދަރިވަރުންނާ، 2019-އެންކޯވްގެ އަލާމާތްތައް ފެންނަން ހުރުމުގެ ސަބަބުން އެއާ އިންޑިއާގެ ފްލައިޓަށް އެރުމުގެ ހުއްދަ ނުލިބުނު 10 ވަރަކަށް މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން އިންޑިއާއިން ރިޕޯޓްކޮށްފައިވަނީ ދެކުނުގެ ކެރެލާ ސްޓޭޓްއިން 3 ކޭހެކެވެ. މީގެ އިތުރުން ޖަޕާނުގެ ޔޮކޮހާމާގައި ކަރަންޓީނުކޮށްފައިވާ "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިނާއިން ވައިރަހަށް ޕޮޒިޓިވްވެފައިވާ 64 މީހުންގެ ތެރޭގައި އިންޑިއާގެ 6 ރައްޔިތަކު ހިމެނޭކަންވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.