އަރަބި ޕެނިންސިއުލާގައި ހަރަކާތްތެރިވަމުން ދާ ހަތިޔާރުއެޅި ހަނގުރާމަވެރި އަލް-ގައިދާ ޖަމާއަތުގެ (އަގަޕް) ގޮފީގެ ލީޑަރު ގާސިމު އަލް-ރައިމީ މަރާލާފައިވާކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޔަމަނުގައި ހުރި އަލް-ރައިމީ މަރާލާފައި ވަނީ އެމެރިކާގެ ހަމަލާތަކެއްގައި ކަން ޓްރަމްޕް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަލް-ރައިމީއަކީ 2015 ވަނަ އަހަރުން ފަށައިގެން އަލް-ގައިދާ ޖަމާއަތުގެ އިސް ލީޑަރެއްގެ ގޮތުގައި އެ ޖަމާއަތް އޮޕަރޭޓް ކުރަމުން ދިޔަ މީހާ ކަމަށާ، އޭނާ މަރާލާފައި ވަނީ ޔަމަނުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންގެ ތެރޭގައި ކަމަށް ވައިޓް ހައުސްއިންވެސް ވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން އަލް-ރައިމީއަކީ 2000ގެ އަހަރުތަކުން ފެށިގެން ހުޅަނގުގެ މަސްލަހަތު އެކުލެވޭ އެކި އަމާޒުތަކަށް ދެމުންދާ ހަމަލާތަކާވެސް ގުޅުން އޮންނަ މީހެއް ކަމަށް މައުލުމާތު ލިބެއެވެ.

އަލް-ރައިމީ މަރާލާފައި ވާކަމުގެ ޚަބަރުތައް މީޑިއާއަށް އެންމެ ފުރަތަމަ ތިލަވީ، މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. އޭގެ ރައްދުގައި އަގަޕްއިން ވަނީ، އަލް-ރައިމީގެ އަޑުކަމަށް ބުނާ އަޑެއް އިވޭ އޯޑިއޯއެއް ރިލީޒް ކޮށްފައެވެ. އެ އޯޑިއާގައި އެ ޖަމާއަތުން ވަނީ، ފްލޮރިޑާގެ ޕެންސަކޯލާގައި އެމެރިކާގެ އަސްކަރީ ތަމްރީނުދޭ މަރުކަޒުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދިން ބަޑީގެ ނުރައްކާތެރި ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. އެހެންކަމުން، މިއީ އޭނާ މަރާލުމުގެ ކުރިން ރެކޯޑްކޮށްފައި އޮތް އޯޑިއޯއެއް ކަމަށްވެސް އެއް ބަޔަކު ވަނީ ވަކާލާތު ކޮށްފައެވެ.

އަލް-ރައިމީ މަރާލާފައިވާކަން އެމެރިކާއިން ކަށަވަރު ކޮށްދިން ނަމަވެސް، އެކަމެއް ހިނގާދިޔައީ ކޮން ތާރީހެއްގައި ކަން އެމެރިކާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.