އެއްވެސް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލު ނުކުރާ ކަަމަށާއި އެކަމަށް ރައްޔިތުންގެ ތާއީދުވެސް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް، ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްދު ދެއްވައިފިއެވެ.

މަލީހު ރައްދުދެއްވާފައި މިވަނީ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މެންބަރު ނިހާދު، މިނިސްޓަރު މަލީހާއި މިނިސްޓަރު އަމީން އަދި މިނިސްޓަރު އައިޝަތު ނަހުލާ ދިފާއު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވުމާއި ގުޅިގެނެވެ. އަދި އެތިން މިނިސްޓަރުންގެ މޫނަށް ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި މި ސަރުކާރު ހިންގުމަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލު ނުކުރާ ކަމަށާއި އެކަމަށް ރައްޔިތުންގެ ތާއީދުވެސް ނެތް ކަމަށެވެ.

"ހާލުގައި ޖެހި، ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އެހީތެރިވެދިން މީހުންނަށް ތެޔޮހަން ދޭނަމަ، މަރިޔަބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ،" މަލީހް ވިދާޅުވިއެވެ.

މަލީހު މިގޮތަށް ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުހައްމަދު ނަޝީދު އަންނަނީ ކޯލިޝަންގެ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ވިދާޅުވެ، ކޯލިޝަން އުވާލުމަށް ހިތްވަރު ދެއްވާ ވާހަކަދައްކަވާފައިވެއެވެ.