ހިނދުން ހިނދަށް ބޯހިޔާވަހިކަން ބޭނުންވާ 1.4 މިލިއަނެއްހާ ރެފިއުޖީން އެބަތިބި ކަމަށާ، ނަމަވެސް ނިމިދިޔަ 2019 ވަނަ އަހަރު ރައްކާތެރި ހިޔާވަހިކަމަކަށް ބަދަލުކުރެވިފައި ވަނީ އެންމެ 63696 ރެފިއުޖީން ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން ހާމަކޮށްފިއެވެ.

ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހިފައި ވާ މީހުންގެ ތެރެއިން އެންމެ 4.5 ޕަސެންޓް މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދީފައި ވާއިރު، ބާކީ ތިބި މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސާ ދެވިފައި ނުވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން، ހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެކަށީގެންވާ ހުށަހެޅުންތަކެއް ހުށަހަޅާފައި ނުވާތީ ކަމަށްވެސް ޔޫއެންއެޗްސީއާރުން ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު ބޯހިޔަވަހިކަން ފޯރުކޮށްދެވުނު ރެފިއުޖީންގެ މިންވަރު 14 ޕަސެންޓް އިތުރުވެފައި ވާކަމަށްވެސް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން މައުލޫމާތު ދެއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އދއިން ހިންގާ މަޝްރޫއުއްގައި ސޫދާންގެ ރެފިއުޖީއަކު ޓްރާންސިޓްގައި/ފޮޓޯ: ޔޫއެންއެޗްސީއާރް

ޔޫއެންއެޗްސީއާރުގެ ޑައިރެކްޓާ ފޮ އިންޓަނޭޝަނަލް ޕްރޮޓެކްޝަން ގްރެއިނީ އޯހާރާ ވިދާޅުވީ، ރެފިއުޖީންނަށް އެހެން ސަރަހައްދުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހައްލެއް ނޫންކަމަށާ، ނަމަވެސް އެކަމަކީ، ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމަކީ ގިނަ ބައެއްގެ ދިރިހުރުން އެކަމަކާ ގުޅިފައިވާ ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އދއިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ މީހުން ބަދަލުކޮށްފައި ވަނީ، އެމެރިކާއަށެވެ. އޭގެ ފަހަތުން ކެނެޑާ، އިނގިރޭސިވިލާތް، ސްވީޑަން އަދި ޖަރުމަނުވިލާތަށެވެ. މިދިޔަ އަހަރު ރީލޮކޭޓް ކުރި ރެފިއުޖީންނަށް ބަލާއިރު އެންމެ ގިނައީ ސޫރިޔާގެ ރެފިއުޖީންނެވެ. އެއަށްފަހު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި މިޔަންމާގެ ރެފިއުޖީންނެވެ.