ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.

ޝިދާތާ މަގާމުން ވަކި ކުރަން ނިންމީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދުގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.

ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިން ވިދާޅުވެފައިވަނީ ދުނިޔޭގެ ލަދަށްވެސް ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައާއި، 19 އަހަރުގެ މީހެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް ހިޝާން އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އޭނާގެ ހިމާޔަތުގައި މިނިސްތްރީން އެއްވެސް ކަމެއް ނުކޮށް އޮތުން ފާހަގަ ކޮށްފައި ވެއެވެ.

މިއަދު މަޖިލީހުގެ ތަޅުން ހޫނުވެ، ގިނަ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވި އިރު ބައެއް މެންބަރުން ވަނީ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ވިދާޅުވީ މި ޒާތުގެ ކަންކަން ހިނގަމުން ދާއިރު މަޑުން ނުތިއްބެވޭނެ ކަމަށާ މިނިސްތަރު އިސްތިއުފާ ދެއްވުމަށެވެ.