ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ފަރާތްތައް ނެގެޓިވް އޭ ބުނާއިރަށް އަތް ނުދޮވެ، ނޭފަތް ކޮއްޓަންވީ ނޫން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅިވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، އަދިވެސް ރައްކާތެރިވާން ޖެހޭ ކަމަށެވެ. ޝައްކު ކުރެވިގެން ޓެސްޓު ކުރި މީހުންގެ ނަތީޖާ ނެގަޓިިވް އޭ ބުނާއިރަށް އަތް ނުދޮވެ، ނޭފަތް ކޮނެ، ލޯ ކަހަންވީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިބައްޔަށް ޝައްކު ކުރެވިގެން 7 ފަރާތެއް ޓެސްޓު ކުރެވިފައިވާ އިރު އެއިން އެއްވެސް ފަރާތެއް މި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ، ކޮރޯނާ ވައިރަހަށް ރާއްޖެއިން ޓެސްޓު ކުރި 7 މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން، އެމީހުން ވަނީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން ދޫކޮށްލާފައި ކަމަށެވެ.

ޗައިނާއިން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައް ތަކުގެ ތެރޭގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ލަފާ ދެނީ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް ރަނގަޅު ކުރުމެވެ. ރޯގާ ޖެހިގެން އުޅޭ މީހެއް ކަމަށް ވަންޏާ މާސްކް އެޅުމަށާއި ދެއަތް، އާދައިގެ ސައިބޯނި ބޭނުންކޮށްގެން ރަނގަޅަށް ދޮވުމަށް އިލްތިމާސް ކުރެއެެވެ.

މި ރޯގާ ޖުމްލަ 26 ގައުމަކުން މިހާރު ވަނީ ފެނިފައެވެ. ޖުމަލް 24542 މީހުން މި ބައްޔަށް ޕޮސިޓިވް ވެފައިވާއިރު މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދީ 492 އެވެ. އަދި މިހާތަނަށް މިބަލި ޖެހިގެން 857 މީހުން ވަނީ ރަނގަޅު ވެފައެވެ. ޗައިނާގެ އިތުރުން މި ބައްޔަސް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ތައިލެންޑް، ސިންގަޕޫރު، އަދި ޖަޕާނުގައެވެ.

މިވަގުތާ ހަމައަށް އައި އިރު ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ފަހުގެ މައުލޫމާތު:

  • ޗައިނާ - 20517
  • ތައިލެންޑް - 25
  • ސިންގަޕޫރު - 24
  • ޖަޕާން - 22
  • ސައުތު ކޮރެއާ - 16
  • އޮސްޓްރޭލިއާ - 13
  • ޖަރުމަނު - 12
  • ޔޫއެސް - 11
  • ޓައިވާން - 11
  • ވިއެޓްނާމް - 10
  • މެލޭޝިއާ - 10
  • ފްރާންސް - 6
  • ޔުނައިޓެޑް އަރަބް އެމިރޭޓްސް - 5
  • ކެނެޑާ - 4
  • އިންޑިއާ - 3
  • އިޓަލީ - 2
  • ޔޫކޭ - 2
  • ރަޝިއާ - 2
  • ޕިލިޕީންސް - 2
  • ކެމްބޯޑިއާ - 1
  • ފިންލޭންޑް - 1
  • ސްރީލަންކާ - 1
  • ނޭޕާލް - 1
  • ސްވިޑްން - 1
  • ސްފެއިން - 1
  • ބެލްގިއަމް - 1