2016 ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ އާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރުކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓރީން ބުނީ ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަރވައިކަލް ކެންސަރު) ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.
ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވުމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގުއުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިނޫނަސް އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގެމުންނެވެ. އަދި ކެންސަރު ބަލީގެ ގައުމީ ދަފްތަރު ވަނީ އެކުލަވާލެވިފައެވެ.
ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެވެ.
2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯރޓުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓު މީހުން މަރުވާއިރު މީގެތެރެއިން 17 ޕަސެންޓު މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. މިގޮތުން 2018 ވަނައަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ.
މީގެ ތެރެއިން 30 ޕަސެންޓް ނުވަތަ 50 ޕަސެންްޓް ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލީގެ، ހިރާސްތަކާއި ދުރުވުމުން އެފަދަ ބަލިތަކުން ސަލާމަތްވެ ހުރެވޭނެ ފަދަ ކެންސަރު ބަލިތަކެވެ. ކެންސަރުގެ ހިރާސްތަކުގެ ތެރޭގައި ދުންފަތް، އިރުގެ ދޯދިތަށް، ދުފާ ފުވަށް، ހެޕަޓައިޓިސް ބީ/ހިއުމަން ޕެޕިލޯމާ ފަދަ ވައިރަސް އަދި ރޭޑިއޭޝަން ފަދަ ރޭޑިއޯ އެކްޓިވް މާއްދާތަށް ހިމެނެއެވެ.
މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ގައުމު ތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ. މި ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދުވަހާގުޅޭ ޝިއާރެއް ކަނޑައަޅައެވެ.