ނުރައްކާތެރި އެއިޑްސް ބަލިޖައްސާ އެޗް.އައި.ވީ ވައިރަހާ ދުރުކޮށްދޭ ވެކްސިން އާ މެދު ކުރެވެމުން ދިޔަ އުއްމީދުތައް ފަނޑުވެފައި ވާކަމަށް ސިއްހީ ދާއިރާގެ ޚަބަރުތައް ބުނެފިއެވެ.

ދަ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް އިން މިހާރު ވަނީ މިވަގުތު ތަހުލީލީ މަރުހަލާގައި އޮތް ވެކްސިން، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލާފައެވެ. އެޗްވީޓީއެން 702ގެ ނަންދީފައި ވާ ވެކްސިން، ދެކުނު އެފްރިކާގެ 5000 އެއްހާ މީހުންނަށް ދިނުމަށްފަހު މި ވެކްސިން ކާމިޔާބު ކުރުމުގެ މަސައްކަތް ހުއްޓާލާފައި ވަނީ، މި ވެކްސިންގެ އެހީގައި އެޗް.އައި.ވީ ދުރުކުރެވިފައި ނުވާތީ ކަމަށް ޚަބަރު ލިބެއެވެ.

މިކަމާ އިންތިހާއަށް ހިތާމަކުރާކަން ހާމަކުރަމުން ތަޖުރިބާކާރުން ވަނީ، އެޗް.އައި.ވީއާ ދެކޮޅަށް ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކޮށްފައެވެ.

ތަހުލީލު މަރުހަލާ ކުރިއަށްދިޔައީ ކިހިނެއް؟

ދެކުނު އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެޗް.އައި.ވީގެ ޝިކާރައަކަށްވެފައިވާ މީހުން އެންމެ ގިނަ ސަރަހައްދެވެ. އަމިއްލަ އިހުތިޔާރުގައި އިންސާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ 2 ގުރޫޕަކަށް ބަހާލިއެވެ. އެއް ގުރޫޕަށް ދިނީ ތަހުލީލީ މަރުހަލާގައި އޮތް ވެކްސިންއެވެ. އަނެއް ގުރޫޕަށް ދިނީ ޕްލަސީބޯ (އަސްލު އެކުލެވިގެން ނުވާ) ވެކްސިން ޑޯޒްއެކެވެ.

ނަތީޖާ ނިކުތް ގޮތަށް ބަލާއިރު ތަހުލީލީ މަރުހަލާގައި އޮތް ވެކްސިން ބޭނުންކުރި ބައިވެރިންގެ ތެރެއިން 129 މީހަކަށް ވަނީ އެޗްއައިވީ ޖެހިފައެވެ. ޕްލަސީބީ ޑޯޒް ދިން މީހުންގެ ތެރެއިން އެޗްއައިވީ ޖެހިފައިވަނީ 123 މީހަކަށެވެ. އެހެންކަމުން، ވެކްސިންއިން އަޅާދިން ހުރަހެއް ނެތްކަމަށް ވަނީ ނިންމާފައެވެ.

އެޗްއައިވީއާއި ދުރުކުރާ ބޭހަކީވެސް މިހާރު ބައެއް ހިސާބުތަކުގައި ތަޖުރިބާކުރަމުންދާ ފަރުވާއެކެވެ. މިއީ ބޭސްގުޅައެއް ބޭނުންކޮށްގެން އެޗްއައިވީއާއި ދުރުކޮށްދޭ ފަރުވާއެކެވެ. ވެކްސިންއަކީ އެއް ފަހަރު ނުވަތަ 2 ފަހަރު ޑޯޒް ފުރިހަމަ ކުރުމުން، ހަށިގަނޑުން އެ ބަލި ދިފާއުކޮށްދޭ ފަރުވާއެއް ނަމަވެސް، މި ބޭސްގުޅައަކީ ގަވައިދުން ކާންޖެހޭ ބޭހެއްކަމުން، މިކަމުގެ ތަކުލީފު ބޮޑެވެ.

އެޗް.އައި.ވީ އިން ދުރުކުރުމަށް ތަހުލީލު ކުރަމުންދާ ވެކްސިންއަކީ އޭގައި އެއްވެސް ވަރަކަށް އެޗް.އައި.ވީގެ އަސަރު އެކުލެވިގެންވާ ވެކްސިންއެއް ނޫނެވެ. އެހެންކަމުން އެ ވެކްސިން ޖެހައިގެން، ހަށިގަނޑަށް އެޗް.އައި.ވީ އެތެރެވުމުގެ ނުރައްކާ ނެތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.