ކެންސަރަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވި ފަހުން އެ ހޮސްޕިޓަލުގައި 610 މީހުން ރަޖިސްޓާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ކެންސަރާ ގުޅޭ ގޮތުން އެސްޓީއޯ އާއި ކެންސާ ސޮސައިޓީ އަދި ބޭސް އުފެއްދުމުގައި މަޝްހޫރު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޑރ. ރެއްޑީ ގުޅިގެން ކުރިއަށްގެންދާ "އޮންކޯ ސްޕެކްޓްރާ 2.0" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވެފައި ވަނީ ކެންސަރާ ގުޅޭ ރަނގަޅު ތަފާސްހިސާބު އެނގެން ނެތް ކަމަށެވެ. ނަމަވެސް ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވި ފަހުން އެ ހޮސްޕިޓަލުގައި 610 މީހުން ރަޖިސްޓާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކެންސަރުގެ ފަރުވާ ދިނުމުގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ކެންސަރުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

ކެންސަރަކީ ލައިފްސްޓައިލާ ގުޅުން ހުރި ބައްޔެއް. ކެންސަރު ޖެހޭ މީހުންގެ 27 ޕަސެންޓަކީ ރަލާއި ދުންފަތް އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ޖެހޭ މީހުން
ޝިޔާމް

މީގެއިތުރުން އޭނާ ވިދާޅުވީ ކެންސަރާ ދެކޮޅަށް ހުރިހާ އޮފީހަކުން ވެސް ވަރަށް ގިނަ ކަންތައް ކުރެވިދާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ވިދާޅުވީ އޮފީހުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި، ސުޕާރީ ފަދަ ތަކެތި ބޭނުންކުރުން ވެސް މަނާކުރެވިދާނެ ކަމަށެވެ.

އަދި މުވައްޒަފުން ކަސްރަތު ކުރުމަށް ބާރު އެޅިދާނެ ކަމަށާއި ހަރަކާތްތެރި ދިރިއުޅުމަކަށް ލޯބި ޖެއްސުން މުހިންމު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާކުރާ ސެންޓަރު ހުޅުވީ 2017 ވަނަ އަހަރެވެ.