މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާންމުކުރައްވާފައިވާ ސިޔާސަތުގެ މައްސަލާގައި، އިސްލާމީ މެމްބަރު ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ޖިއްދާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ފަލަސްތީނުގެ ލީޑާޝިޕްގެ އެދުމަކަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ޚަބަރު ލިބެއެވެ.

57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އައިއޯސީއިން މެދުއިރުމަތީގެ ސުލްހައިގެ މައްސަލާގައި ކުއްލި ބަދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، އަރަބި ލީގުންވެސް ވަނީ، 'ގަރުނުގެ ސުލްހައިގެ އެއްބަސްވުމުގެ' ނަމުގައި ޓްރަމްޕް އިއުލާންކުރައްވާފައިވާ ޕްލޭނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިއީ އިސްރާއީލާ ފަލަސްތީނަށްވެސް އޭގައި ކާމިޔާބު އެކުލެވޭ ޕްލޭނެއް ކަމަށް އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫއަށް ފާޅުގައި ތާއީދުކުރައްވާ ޓްރަމްޕް ސިފަކުރައްވާފައިވާއިރު، މިއީ އިސްރާއީލާ ވީ ކޮޅަށް ބުރަވެފައިވާ ޕްލޭނެއް ކަމަށްބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި ކަމުވޮށިގެންވާ ގިނަ ބަޔަކު ދަނީ މި ޕްލޭނަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

މިކަމާ ގުޅިގެން އޯއައިސީއިން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނެވެ. ދިވެހިރާއްޖެއަކީވެސް އޯއައިސީގެ މެމްބަރު ގައުމެކެވެ. ނަމަވެސް މިމަޝްވަރާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.