އިނގިރޭސިވިލާތުގައި ދޭ އެންމެ ޝަރަފުވެރި ފިލްމު އެވޯޑްސް ނުވަތަ "ބަފްޓާ އެވޯޑްސް"ގެ މިއަހަރުގެ އެޑިޝަންގައި އެންމެ ކާމިޔާބު ފިލްމަކަށް، ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޒަމާން ސެޓްކޮށްދޭ ފިލްމު "1917" ހޮވައިފިއެވެ.

"1917"އިން މިއަހަރުގެ އެންމެ މޮޅު ފިލްމުގެ "ބަފްޓާ" ޓްރޮފީ އުފުލާލާފައި މިވަނީ، މިފަހަރުގެ އެވޯޑްތަކަށް އެކަށީގެންވާ ފުޅާދާއިރާއެއްގައި ފިލްމުތައް ނޮމިނެޓް ކޮށްފައި ނުވާކަމުގެ ތުހުމަތުތަކެއް، އެވޯޑް އިންތިޒާމުކުރި ފަރާތަށް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިފަހަރުގެ އެންމެ ވަރުގަދަ އެވޯޑްތަކަށް މުޅިންވެސް ނޮމިނޭޓްކޮށްފައިވަނީ ދޮން ނަސްލުގެ ފަންނާނުން ކަމަށާ، ބެސްޓް ޑައިރެކްޝަންގެ ކެޓަގަރީގައި އަންހެން ޑައިރެކްޓަރަކު ހިމަނާފައި ނުވާކަންވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

މިއީ ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ މީހުންނަކީ އިނގިރޭސި ސްކްރީންތަކުން މަރުހަބާ ކިއާނެ ބައެއް ނޫންކަން އަންގައިދޭ "ހިތާމަވެރި" މެސެޖެއް ކަމަށް ބުނެވެއެވެ.

ފިލްމު "1917" އިން ކަށަވަރުކޮށްފައިވާ އިތުރު އެވޯޑްތަކުގެ ތތަކުގެ ތެރޭގައި އައުޓްސްޓޭންޑިންގް ބްރިޓިޝް ފިލްމު، ބެސްޓް ސައުންޑް، ބެސްޓް ޕްރޮޑަކްޝަން ޑިޒއިން، ބެސްޓް ސިނަމަޓޮގްރަފީ އަދި ސްޕެޝަލް ވިޝުއަލް އިފެކްޓްސް އެވޯޑް ހިމެނެއެވެ.