ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކަމިޔާބީއާ ކުރިމަތިލާން ޖެހޭނީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަނގަފުޅުގެ ސަބަބުން ކަމަށް ކުރީގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ނަޝީދަށް ވިދާޅުވެވޭ، ނުވެވޭ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ދެއްކެވޭ ނުދެއްކެވޭ ވާހަކަފުޅެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދައްކަވާ ވާހަކަފުޅާ ސަރުކާރުން ބުނާ އެއްޗަކާ ދިމާ ނުވާ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިހެން ވިދާޅުވެ، އޭނާ ވަނީ ޕީޕީއެމަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، ސީޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވީ، ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހުރެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކޮށް، އެ ބޭފުޅުންގެ މަސައްކަތްތަކަށް އެތައް ގޮތަކުން ހުރަސް އެެޅި ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވި ސަބަބު ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްރުންނަށް ފިއްތުންތައް ކުރިމަތި ކުރުވި ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްގެ އިދާރާއާއި، ކައުންސިލްގެ ގޮނޑި، މޭޒު ވެސް އަތުލީ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނަގާ، ބައެއް ކައުންސިލަރުން ހައްޔަރު ކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން ވިދާޅުވެ، ރައީސް ނަޝީދު އަލިއަޅުއްވާލެއްވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވާތީއެވެ. ކުރީ ސަރުކާރުގައި ސިޓީ ކައުންސިލަރުންނަށް މަތި ކޮށްފައިވާ ކަންކަން ބައެއް މިނިސްޓްރީތަކުގެ އިހްތިސޯސައް އިތުރުވެސް ކުރިއެވެ.