ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި މީހާގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެންމެ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފަރުވާ ދެމުން އަންނަނީ ޗައިނާ އިން އައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ހެލްތު މިނިސްޓަރީން މިހާރު ކުރިއަށް ގެންދާ ޕްރެސްގައި އަމީން ވިދާޅުވީ، އެ ޒުވާނާގެ ޓެސްޓުގެ ސާމްޕަލް އިންޑިއާގެ ދިއްލީއާ ހިސާބަށް މިހާރު ފޯރާފައިވާ ކަމަށާއި ޓެސްޓް ހެދުމަށްޓަކައި ޕޫނޭ އަށް މިރޭގެ ވަގުތެއްގައި ގެންދެވޭނެ ކަމަށެވެ. އުންމީދު ކުރައްވަނީ ކުރިން ވިދާޅުވެފައިވާ ގޮތަށް މާދަމާ ރޭގެ ވަގުތެއްގައި ޓެސްޓުގެ ނަތީޖާ ލިބޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަހެރި ކޮށްފައިވާ ތިން މީހުންގެ ފަރާތުންވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. ނަމަވެސް ކަންކަން ނިންމާނީ ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށެވެ.
"ހުރިހާ ސާމްޕަލެއްވެސް އެއްކޮށް ފޮނުވީ، މާދަމާ ނަތީޖާ ލިބޭނެ ކަމަށް އުންމީދު ކުރަނީ، އުންމީދުކުރި ވަރަށްވުރެ ލަހުން ލެބާހަމައަށް ދިޔައީ، ނަމަވެސް މާދަމާ ނަތީޖާ ލިބޭނެ ކަމަށް އުންމީދު ކުރަނީ،" އަމީން ވިދާޅުވިއެވެ.
ތައިލޭންޑުންވެސް ޓެސްޓް ހެދުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެންމެ އަވަހަށް ނަތީޖާލިބޭ ލެބެއް ބެލުމަށްފަހު އެލެބަކަށް ޓެސްޓް ކުރުމަށް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، ކްލިނިކަލީ ފަރުވާދޭ ހިސާބަކަށް ވެސް އެއްވެސް މީހަކު ގޮސްފައިނުުވާ ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ކޮރޯނާ ވައިރަސް އަށް 700 އަށް ވުރެ ގިނަ މީހުން ސްކްރީން ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އަތޮޅު ތެރޭގައި އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ކަންކަން ވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެކަންކަން ހަރުދަނާ ކަމާއެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވިގެންދާނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.