ސީޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވީ، ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހުރެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކުރަވައި، އެ މީހުންގެ މަސައްކަތްތަކަށް އެތައް ގޮތަކުން ހުރަސް އެެޅުވި ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވި ސަބަބު ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްރުންނަށް ފިއްތުންތައް ކުރިމަތި ކުރުވި ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްގެ އިދާރާއާ، ކައުންސިލްގެ ގޮނޑި، މޭޒު ވެސް އަތުލީ ކަމަށެވެ. އަދި ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނަގާ، ބައެއް ކައުންސިލަރުން ހައްޔަރު ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ، ރައީސް ނަޝީދު އަލިއަޅުއްވާލެއްވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވާތީއެވެ. ކުރީ ސަރުކާރުގައި ސިޓީ ކައުންސިލަރުންނަށް މަތި ކޮށްފައިވާ ކަންކަން ބައެއް މިނިސްޓްރީތަކުގެ އިހްތިސޯސައް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ސިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް އެކަމަށް ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ހުރަސް އެޅުއްވި ކަމަށެވެ. އެގޮތުން، ކައުންސިލަރުންގެ ހުރިހާ ބާރެއް، ހައުންސިން މިނިސްޓްރީއެއް އުފައްދާފައި އެތަނަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ދަށުން 7،000 މީހުންނަށް ފްލެޓް ދޭން ނިންމާފައިވާއިރު، އޭގެ ތެރެއިން 5،000 އެއްހާ މީހުންނަނަކީ ޝަރުތު ފުރިހަމަ ނުވާ މީހުން ކަމަށެވެ. ނަމަވެސް، މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރާއެކު ދެން މާލޭ ސީޓީ ކައުންސިލަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، އެމްޑީޕީ ޕްރައިމަރީގައި މިހާރު ތިބި މޭޔަރުންނަށް އިތުރު ފުރުސަތެއް ނުދިނުމަށް އެ ޕާޓީގެ އާންމު މެންބަރުން ނިންމެވި ނިންމުމަށް ފުރިހަމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ މެންބަރުންގެ ނިންމުން ކަމަށާއި ޕާޓީގެ އިސްފަރާތެއްގެ ހައިސިއްތުން އެ ނިންމުން ބަލައިގަނެ އެ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޕްރައިމަރީގައި މެންމްބަރުން ވޯޓު ދީފައިވާނީ އެ މެންބަރުންނަށް ފެންނަ އެންމެ ރަގަނޅު ގޮތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.