ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް 60 ޕަސެންޓް ގޮނޑި ނެގޭނެ ކަމަށާއި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ނެތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެޕާޓީ ފުރިހަމައަށް ތައްޔާރުވެ، އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު އަދަދަށްވުރެ ގިނައިން އެމްޑީޕީގެ ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު ވޯޓުގެ އަދަދު ގިނަ، އެއްވެސް ޝައްކަކާ ނުލާ 60 ޕަސެންޓްގެ ގޮނޑިއާ އެކު މިފަށަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެންމެފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ބައެއް ރަށްރަށުގެ މުޅި ރައްޔިތުން ވޯޓުލާން ނުކުތް މިންވަރަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެކަނި ވެސް ވޯޓުލާން ނުކުތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި އިންތިހާބުގައި އެމްޑީޕީއަށް ތާއީދު މަދު ދާއިރާތަކީ ކޮބާތޯ ބަލާ އެ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ޕާޓީއަކު އިއްތިހާދެއް ނުވާނަން، އަޅުގަނޑުމެން ހުރިހާ ރަށަކުން މެޖޯރިޓީ ނަގާނަން،" ފަސް ގޮނޑި އެމްޑީޕީއަށް ނާންނާނެ، އެހެން ނަމަވެސް އަގުބަލިއްޔަތު މުޅި ރާއްޖޭގައި ލިބޭނެ، ހަމަ މުޅި ރާއްޖޭގެ ހުރިހާ ރަށަކުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމާއި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ގާބިލުކަން ޖުމްހޫރި ޕާޓީ އާއި ޕީޕީއެމްގައި ނެތް ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަކަށް އަޅުގަނޑު އެއްގޮތަކަށް ވެސް ހަގީގަތުގައި ވެސް ލަފައެއް ނުކުރަން މިސާލަކަށް ޕިޕީއެމްގައި މި އިންތިހާބުގައި ބައިވެރި ވުމުގެ ގާބިލުކަމެއް އެބޭފުޅުންގެ ހުރި ކަމަކަށް، އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމުހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވެ އިންތިހާބަށް ކެންޑިޑޭޓުން ފީޑް ކުރެވޭނެ ގާބިލު ކަމާ އަދި ކެންޑިޑޭޓުން ނެރުމަށް ހިންގަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ހިންގުމުގެ ނިންމުމެއް އެބޭފުޅުން ނިންމައިފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިފަހަރު އިންތިހާބުގައި އެޕާޓީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި އެ މެނިފެސްޓޯ އެހެން އިންތިހާބުތަކުގައި ނެރޭ މެނިފެސްޓޯއަށް ވުރެ ތަފާތު ވާނެ ކަމަށެވެ.