މިސްރުގައި ހިތާނުކުރަން އުޅުމުގެ ތެރޭގައި މަރުވި 14 އަހަރުގެ އަންހެން ކުއްޖާގެ މައިންބަފައިންނާ ބޮޑުދައިތައެއް، އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިސްރުގެ އާސިޔަތު ޕްރޮވިންސްގައި މި އަންހެން ކުއްޖާ ހިތާނުކުރުމުގެ ސާޖަރީ ހަދައިދިންކަމަށް ބުނާ ޑޮކްޓަރުވެސް މިހާރު ހުރީ، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް ޚަބަރު ލިބެއެވެ.

މި 4 މީހުންވެސް ހައްޔަރުކޮށްފައިވަނީ، މަރުވި 14 އަހަރުގެ އަންހެން ކުއްޖާގެ ބޮޑުބެއެއް، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައި ހިސާބުންނެވެ.

އަންހެން ކުދިން ހިތާނު ކުރުމަކީ ޣައިރު ގާނޫނީ ކުށެއް ކަމުގައި މިސްރުގައި ކަނޑައެޅީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ދުނިޔޭގެ ނިސްބަތުން ބަލާއިރު، މި އަމަލު އެންމެ ގިނައިން ހިންގާ ގައުމުތަކުގެ ތެރޭގައި މިސްރު ހިމެނެއެވެ.

ޔުނިސެފްގެ ރެކޯޑްތަކަށް ބަލާއިރު، މިސްރުގެ އާބާދީގައި ހިމެނޭ 15-49 އަހަރާ ދެމެދުގެ އަންހެން ކުދިންނާ އަންހެނުންގެ 87 ޕަސެންޓް ކުދިންނާ މީހުންނަކީ ހިތާނުކޮށްފައިވާ ބައެކެވެ. މިސްރުގެ 50 ޕަސެންޓް މީހުން ބުނާ ގޮތުގައި އަންހެން ކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ލާޒިމުކަމެކެވެ.

އެންމެ ފަހުން މަރުވި 14 އަހަރުގެ ނަދާ ޢަބްދުލް މަގުސޫދު މަރުވެފައިވަނީ ޕްރައިވެޓް ކުލިނިކެއްގައި ސާޖަރީ ހެދުމަށްފަހު ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.