މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ނިންމައިފި އެވެ.

މާލެ ސިޓީގައި ދިރިއުޅޭ ގއ. އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ވޯޓު ފޮށިތައް ބަހައްޓާފައި ހުރީ ކަލާފާނު ސްކޫލުގައެވެ. މައްސަލަ ހޫނުވީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު އައި ވީދާލުމާއި ގުޅިގެންނެވެ. އެހިސާބުން އެ ސަރަހައްދަށް މީހުން އެއްވިއެވެ. އަދި އަޑުގަދަކުރަން ފެށުމުން ވޯޓުލުން މެދުކަނޑާލިއެވެ.

އެގޮތުން އިދާރީ މޭޒު ކައިރިއަށް އެއްވެފައި ތިބި ބައެއް މީހުން ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނަމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީ ވޯޓު ފޮއްޓަށް "ވަގު ވޯޓު" އެޅި ކަމުގެ ތުހުމަތުވެސް ކުރަމުންނެވެ. ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް މިހާރު ވަނީ އެ ސަރަހައްދުން ގެންގޮސްފައެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ. އެވަގުތު މާލެ ސިޓީ ހިމަނައިގެން 93 ރަށެއްގައި ވޯޓުލުން ފެއްޓިއެވެ. މި އިންތިހާބުގައި އެމްޑީޕީން ވަނީ 169 ވޯޓު ފޮށި ބަހައްޓާފައެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި އާންމު މެމްބަރުންގެ 70 ޕަސަންޓް ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެކުރިން ޕްރައިމަރީގެ ވޯޓުލުން ނިމޭނެ ކަމަށް އެމްޑީޕީން ބުނީ މިރޭ އިރުއޮއްސި 19:00ގައެވެ. އެހެންނަމަވެސް ފަހުން ވަނީ 21:30އާ ހަމައަށް ވޯޓުލުން ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.