މިއަދު ހެނދުނުގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ މައުލުމާތަށް ބަލާއިރު 2019-އެންކޯވްއަށް ޕޮޒިޓިވްވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 213 އަށް އަރައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރަކުން އުފެދިގެން އައި 2019-އެންކޯވް، ޗައިނާގެ 31 ޕްރޮވިންސްއަށް ފެތުރިފައިވާއިރު އެގައުމުން މި ރޯގާއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވި މީހުންގެ އަދަދު 9692 އަށް އަރާފައިވާކަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމަށް ތަފާތު މައްސަލަތައް ކުރިމަތިވެގެން 102000 އެއްހާ މީހުން މިހާރުވެސް އޮބްޒަވޭޝަންގައި އެބަ ތިބި ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ލިބެއެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

2019-އެންކޯވް މިހާރު އޮތީ ބައިނަލްއަގުވާމީ ސިއްހީ ކުށްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ރޭގެ ވަގުތެއްގައި ކަނޑައަޅާފައިވާއިރު، އެމެރިކާއިންވަނީ ޗައިނާއަށް ދަތުރުކުރުން މަނާކޮށް، ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ. ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫނީ ޗައިނާއަށް ނުކުރުމަށާ، ހޫބޭ ޕްރޮވިންސްއަށް އެއްވެސް ވަރަކަށް ދަތުރު ނުކުރުމަށް ޖަރުމަނުވިލާތުގެ ހާރިޖިއްޔާއިންވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

މީގެ އިތުރުން ޗައިނާއާ ގުޅުންހުރި ބައިނަލްއަގުވާމީ އަދި ސަރަހައްދީ، ގިނަ ކުޅިވަރު މުބާރާތްތަކެއްގެ ތާވަލަށްވެސް މި ރޯގާގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.