ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވޯޓުލުމަށް މާލެސިޓީގައި 8 ތަނެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އޭގެތެރެއިން އެންމެ ވޯޓު ފޮއްޓެއް ފިޔަވާ ދެންހުރި ހުރިހާ ވޯޓު ފޮށިތަކަކީ މާލޭސިޓީގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށިތަކެކެވެ.

އެމްޑިޕީއިންވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ މާލޭސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގެ ލިސްޓް އާންމުކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ވޯޓުފޮށިތައް ބަހައްޓާފައިހުރި ތަންތަނަކީ:

  • ދަރުބާރުގެ- މާލޭގެ ފޮށިތައް
  • ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
  • މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
  • އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
  • އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
  • މުޙިއްޔިއްދީން ސްކޫލް – ވިލިމާލެ
  • ރެހެންދި ސްކޫލް – ހުޅުމާލެ މިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނަ ފަރާތްތަކުގެ މެދުގައި ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓވެސްވަނީ އާއްމު ކޮށްފައެވެ. 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާއްމުކޮށްފައި މިމަހުގެ 14 ވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ.

މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.