މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީއިން އުފެދިގެން އައި 2019-އެންކޯވް ވައިރަހުގެ އަސަރު، އެގައުމުގެ ހުރިހާ ހިސާބުތަކަށް މިހާރު ފެތުރިފައިވާކަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި 29 ޖަނަވަރީ (އިއްޔެ)ގެ ނިޔަލަށް އެގައުމުން 2019-އެންކޯވްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7711 އަށް އަރާފައެވެ.

ޗައިނާގެ ބޭރުން އިތުރުން 16 ގައުމަކަށްވެސް މި ވައިރަސް މިހާރު ވަނީ ފެތުރިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ބައެއް ގައުމުތަކުގައި އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް މި ވައިރަސް އަރަމުންދާކަމުގެ ރިޕޯޓްތައް ފާއިތުވީ ދުވަސްތަކުގައި ލިބިފައިވާ ކަމަށާ، އެކަމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަށް ދަތުރުކޮށްފައިވާކަން ކަށަވަރުކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ވިއެޓްނާމް އަދި ޖަޕާން ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލު ވިދާޅުވީ، ޗައިނާއިން ބޭރުގައި 2019-އެންކޯވްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ނިސްބަތުން މަދު ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައި ބޮޑު ބަލިމަޑުކަމެއްގެ ދަރަޖައަށް މި ވައިރަސް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ގައުމުތަކުން މިހާރު ދަނީ ކޮންމެހެން ކުރަންޖެހިގެން މެނުވީ ޗައިނާ ދަތުރުތައް ނުކުރުމަށް ގޮވާލާ ޓްރެވެލް އެޑްވައިޒަރީތައް އާންމު ކުރަމުންނެވެ.