ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެޖެންޑާ 19 ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ސިވިލް ސާވިސްގެ ކްރައިޓީރިއާއިން ވަޒީފާ ގެރެންޓީ ވެފައި ތިބި މީހުން އެއްފަރާތްކޮށްފައިވާ ވާކަމަށް ވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ކޮންޓްރެކްޓްތައް ދެނީ ބޮޑު އަގު ހުށަހަޅައިގެން ޕާޓީ އެކްޓިވިސްޓުންނަށް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޕާޓީގެ އެކްޓިވިސްޓުންނަށް ކޮންޓްރެކްތްތައް ދޭކަން ފާހަގަކުރައްވަމުން ޖަމީލު ވަނީ މިއީ އެޖެންޑާ 19 ގެ އިންސާފުގެ ހަމަތޯ އައްސަވާ ސުވާލު ވެސް އުފައްދަވާފައެވެ. ހަމައެއާއެކު ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެޖެންޑާ 19 ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީއަށް ޖަމީލުގެ ފާޑުވިދާޅުވުން އަމާޒުވަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، އެމްޑީޕީގެ ދަފްތަރު ސައްހަ ނޫން ކަމަށާއި، ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުން ކޮށްގެން އެމްޑީޕީގެ ދަފްތަރަށް މީހުން އިތުރުކޮށްފައިވާ ކަމަށް ވެސް ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން، ޖަމީލު ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ވެސް ގޮވާލައްވާފައެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބު މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެމްޑީޕީން އަންނަނީ އަތޮޅުތެރޭގައިވެސް ކެމްޕޭން ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އަތޮޅު ކައުންސިލް ކަމަށް 53 މީހުން ކުރިމަތިލާފައި ވާއިރު ރަށު ކައުންސިލް މެންބަރުކަމާއި ރައީސް ކަމަށް ޖުމްލަ 1067 މީހުން ވަނީ ކުރިމަތިލާފައެވެ.