ވާޖިނިޓީ ރިޕެއާ ނުވަތަ ބިކުރު ކެނޑިފައިވާ މީހުންނަށް ހާއްސަކޮށްގެން ހަދަމުންދާ 'ބިކުރު އިޔާދަކުރާ' ސާޖަރީ ހެދުން މަނާކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލައި، އެގައުމުގައި ވަރުގަދަ އިހުތިޖާޖުތަކެއް ކުރަން ފަށައިފިއެވެ.

މި ސާޖަރީއަކީ އަންހެނާގެ ލަދުވެތި ގުނަވަނުގައި މެމްބަރޭން ލޭޔަރެއް އަޅައިގެން، ހަގީގަތް ފޮރުވުމަށް ކުރާ އޮޕަރޭޝަނެކެވެ.

އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީއެމްސީ)ގެ ގަވައިދު ބުނާ ގޮތުގައިމި އޮޕަރޭޝަން ކުރަން އަންނަ އަންހެނުން އެކަން ކުރަނީ ވަކި ބައެއްގެ ނުފޫޒުން ބިރުގަނެގެން ތޯ ނުވަތަ އަމިއްލަ އިހުތިޔާރުގައި ތޯ ބަލަންޖެހެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި އެންމެ ގިނައިން މި ސާޖަރީ ހަދަނީ މުސްލިމު އަންހެން ކުދިންނާ ޒުވާން މުސްލިމު އަންހެނުންނެވެ. އެމީހުން މި ސާޖަރީ ހަދަނީ ހުޅަނގުގެ ސަގާފަތަށް ދިރިއުޅުން ބަދަލުކޮށް، ކައިވެނިން ބޭރުން ގުޅުން ހިންގުމުގެ ސަބަބުން ބިކުރު ކެނޑިފައިވާކަން، އެމީހުންގެ މުސްލިމު އާއިލާތަކަށް އެނގުމުން، ދެން ކުރިމަތިވާ އެކި ކަހަލަ މައްސަލަތަކުން ދުރުވުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އިނގިރޭސިވިލާތުގައި މިއީ އާންމުކަމެކެވެ. މި ސާޖަރީ ހަދާ 22 ޕްރައިވެޓް ކުލިނިކެއް އެގައުމުގެ އެކި ހިސާބުތަކުގައި މިހާރުވެސް އޮޕަރޭޓްކުރެއެވެ. ގާތްގަނޑަކަށް ގަޑިއެއްހާރިއަށް ދެމިގެންދާ މި ސާޖަރީގެ އަގު، 3000 ޕައުންޑަށް އަރައެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕްރައިވެޓް ކުލިނިތަކުން މިހާ ބޮޑު އަދަދެއްގެ ފައިސާ ނަގައިގެން އެދަނީ، މުސްލިމު އަންހެނުންގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

އިނގިރޭސިވިލާތުގައި ބިކުރު އިޔާދަކުރާ ސާޖަރީ އެންމެ ގިނައިން ހަދަނީ މުސްލިމު އަންހެނުންނާ އަންހެން ކުދިން/ފޮޓޯ: ގެޓީ އިމޭޖަޒް

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ މި ދަށުދަރައިޖެ އަމަލު ހިންގަމުންދާ ގޮތް ތަހުގީގު ކުރައްވާ، މިކަން ހުއްޓުމަކަށް ގެންނާނެ ގޮތެއް ބައްލަވާނެ ކަމަށެވެ. ނަމަވެސް އެކަން ތަންފީޒު ކުރެވިގެން ދާނެ ގޮތަކާ ބެހޭ ތަފްސީލުތައް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވުޒާރާއިންވަނީ އިންކާރުކޮށްފައެވެ.

ބިކުރު އިޔާދަކުރުމުގެ ސާޖަރީއަކީ ސިއްހީ ގޮތުން އެއްވެސް ވަރެއްގެ ފައިދާއެއް އެކަމުގައި އެކުލެވިގެންދާ ސާޖަރީއެއް ނޫންކަމަށާ، ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން، އަންހެނާގެ ލަދުވެތި ގުނަވަންތަކުގެ ބައްޓަން ބަދަލުކުރުމަށް ތަފާތު އެކި ކަހަލަ ސާޖަރީތައް ހަދާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މި ހުރިހާ ކަމަކީ ނަފްސާނީ ގޮތުން އަންނަ ނުފޫޒެއްގެ ސަބަބުން ހިނގާ ކަންކަމެވެ.