ޗައިނާގައި އުފެދި، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހުގެ ނުރައްކާ ބޮޑުވެ، އިންޑިއާ ސަރުކާރު އެލާޓަށް ގެނެސްފިއެވެ.

2019-އެންކޯވް ވައިރަހާ ގުޅިގެން އިންޑިއާ ސަރުކާރު އެލާޓަށް ގެނެސްފައި ވަނީ އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުންނާއެކު ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހުގައެވެ.

އިންޑިއާގެ ވައިގެ ބަނދަރުތަކުގައި ހެލްތް ސްކްރީނިންގް ވަރުގަދަކޮށްފައިވާއިރު، ސައުވީސް ގަޑިއިރު ހިދުމަތްދޭނެ ކޯލްސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެއީ ވައިރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އަލާމާތްތައް ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާ ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ކޯލް ސެންޓަރެކެވެ.

މީގެ އިތުރުން، ޕްރައިވެޓް ކުލިނިކުތަކުން ފަރުވާ ހޯދާ މީހުންގެ ތެރޭގައި 2019-އެންކޯވްއަށް ޝައްކު ކުރެވޭ ޕޭޝަންޓްއެއް ހުރި ނަމަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ގޮވާލާފައެވެ.

2019-އެންކޯވް ރޯގާއަށް ހާއްސަކޮށްގެން އިންޑިއާގެ އައިސޮލޭޝަން ހޮސްޕިޓަލެއް ގޮތުގައި ހަމަޖައްސާފައިވަނީ ވެރިރަށް ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގެ ވޯޑްއެކެވެ.

ކަންމިހެން އޮތްއިރު، 2019-އެންކޯވްއަށް ހުށަހެޅިފައިވާކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ކެރެލާގައި 7 މީހުން، މުމްބާއީގައި 2 މީހުން ހައިދަރުއާބާދުގައި 1 އަދި ބެންގަލޫރުގައި 1ގައިވެސް މީހަކު އޮބްޒާވް ކުރަމުންދާކަން އެގައުމުންވަނީ ހާމަކޮށްފައެވެ. މިއީ ދާދިފަހުން ޗައިނާއަށް ދަތުރު ކޮށްފައިވާ މީހުން ކަމަށް ޚަބަރު ލިބެއެވެ.