އެތެރޭގެ އިންތިހާބު އޮޅުވާލާ ބަޔަކު އެހެން މީހުންގެ ވާހަކަ ނުދައްކުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވެރިކަން ކަން ކުރަން ނޭނގެ ބަޔަކަށް ލާމަރުކަޒީ ވެރިކަމެއް އަމުދުން ނުވާނެ ކަމަށާއި، އިންތިހާބުގެ ވާހަކަ ދައްކަން އެންމެ ލަދުގަންނަން ޖެހެނީ އިންތިހާބުތައް އޮޅުވާލާ ބަޔަކު ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ވެސް އޮޅުވާލާ ބަޔަކަށް އެހެން މީހުންގެ ވާހަކަ ނުދެއްކޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަދައްކަން ޕީޕީއެމްއިން ލަދުގަންނަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

"އެޖެންޑާ 19 ރަށަށް" ކައުންސިލް އިންތިހާބާ ގުޅިގެން އައްޑު ސިޓީގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަމުގެ ބާރުގައި އޮތް ދުވަހު އިދިކޮޅު ޕީޕީއެމްގެ މަސައްކަތަކަށްވީ ލާމަރުކަޒީ ނިޒާމް ރޫޅާލުމަށްކަމަށާއި ލޯކަލް ކައުންސިލް އިންތިހާބަކީ އެމީހުން ދަންނަ ނުވަތަ އެމީހުންނާ ގުޅޭވެސް ކަމެއްނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރިކަމުގައި ވިޔަސް ލާމަރުކަޒީ ނިޒާމު ހިންގަން އުޅޭ ބައެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އެ ޕާޓީ ނުދެކޭނެ ކަމަށެވެ.