އެ ވައިރަހަކާ ބެހޭ ގޮތުން އަދި މިހާތަނަށް މާ ބޯޑު ހޯދުންތަކެއް ހޯދިފައި ނުވާ، ނުރައްކާތެރި 2019-އެންކޯވް ރޯގާ ޖެހޭ މީހުންނަށް ފަރުވާ ކުރުމަށްޓަކައި، މި ރޯގާ އެންމެ ފުރަތަމަ ވޫހާން ސިޓީގައި، 6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އަޅާ، ޚިދުމަތް ދިނުމުގެ މަސައްކަތް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ.

ޗައިނާގައި 2019-އެންކޯވް ރޯގާ ފެތުރެމުންދާ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގައި، ވައިރަހުގެ އަސަރުކޮށްފައިވާ މީހަކަށް ފަރުވާ ދެނީ/ފޮޓޯ: ޔޫޓިއުބްއިމޭޖަޒް

2019-އެންކޯވް ރޯގާ ފެށިގެން އައި ސަރަހައްދު ކަމަށްވާ ވޫހާން އަކީ ގާތްގަނޑަކަށް 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. ސަރަހައްދުގެ ހޮސްޕިޓަލުތައް ފުރިބާރުވެފައިވަނީ ކަންބޮޑުވެފައިވާ ރައްޔިތުންނައިގެންނެވެ. ފާމަސީތަކުން ބޭސް ހުސްވުމާ ގާތަށް ހިނގައްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޫހާން އަލަށް އަޅާ ހޮސްޕިޓަލަކީ 1000 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލު އަޅަމުންދަނީ ގާތްގަނޑަކަށް 269000 އަކަ ފޫޓުގެ ބިމެއްގައެވެ. މިއީ 2003 ވަނަ އަހަރު ޗައިނާއިން ސާސް ވައިރަސް އުފެދި، ފެތުރިގެން ދިޔަ ދުވަސްވަރު، ވެރިރަށް ބީޖީންގްގައި އެޅި ހޮސްޕިޓަލު އަސްލަކަށް ބަލައިގެން ބިނާކުރަމުންދާ ހޮސްޕިޓަލެއް ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގައި 2019-އެންކޯވް ރޯގާ ފެތުރެމުންދާ ވޫހާން ސިޓީގައި 6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަނީ (ފޮޓޯ ނަގާފައިވަނީ 24/01/2020)/ފޮޓޯ: ގެޓީ އިމޭޖަޒް

ހާވަޑް މެޑިކަލް ސްކޫލްގެ ގްލޯބަލް ހެލްތް އެންޑް ސޯޝަލް މެޑިސިންގެ ލެކްޗަރަރެއް ކަމަށްވާ ޖޯން ކޯފްމަން ބުނީ، މި ހޮސްޕިޓަލަކީ ކަރަންޓީން-ހޮސްޕިޓަލެއް ކަމަށެވެ. މި ހޮސްޕިޓަލަކީ ބަލީގެ އިންފެކްޝަން ޖެހިފައިވާ މީހުންނަށް ފަރުވާ ކުރަން ހާއްސަ ހޮސްޕިޓަލެއް ކަމަށާ، މި ތަން ފަރުމާކޮށްފައިވަނީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާއެކުގައި ކަމަށެވެ.

6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އަޅާނީ ކިހިނެއް؟

ޗައިނާއަކީ ހަލުވި ދުވެލީގައި ބޮޑެތި މަޝްރޫއުތައް ނިންމާލުމުގެ ރެކޯޑް އޮންނަ ގައުމެކެވެ.

ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއާ ފެލޯ ފޯ ގްލޯބަލް ހެލްތްގެ ޔެންޒޯންގް ހުއާންގްވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. އެގޮތުން 2003 ވަނަ އަހަރު ބީޖީންގްގައި ސާސްއަށް ހާއްސަކުރި ހޮސްޕިޓަލުގެ މަސައްކަތް ނިންމާލީ އެންމެ 7 ދުވަހުގެ ތެރޭގައިކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ވޫހާންގެ ހޮސްޕިޓަލު 6 ދުވަހުގެ ތެރޭގައި އަޅަނީ އެ ރެކޯޑް މުގުރާލުމަށްކަމަށް ވުން އެކަށީގެންވެއެވެ.

ޗައިނާގައި 2019-އެންކޯވް ރޯގާ ފެތުރެމުންދާ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޗައިނާ ޑެއިލީ

2019-އެންކޯވް ރޯގާއަށް ހާއްސަކޮށްގެން ވޫހާންގައި އަޅާ ހޮސްޕިޓަލުގައި ބޭނުންކުރާނީ، ކުރިން ފަރުމާކޮށް ތައްޔާރުކޮށްފައިވާ އިމާރާތްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއަކީ މަތިން ތިރިއަށް ގައުމުގެ ހިންގުމުގައި އަރާ ހުރި ގައުމެއް ކަމުން، މިފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ހިންގުމުގައި އިތުރު ހުރަސްތަކާ ގޮންޖެހުންތަކަކާ ކުރިމަތިލާން ނުޖެހޭކަން ހުއާންގް ވަނީ ފާހަގަކޮށްފައެވެ.

ވޫހާންގެ ހޮސްޕިޓަލު އެޅުމުގެ މަސައްކަތަށް އިންޖިނޭރުން ހޯދާފައިވަނީ ޗައިނާގެ އެކި ހިސާބުތަކުންނެވެ. ހުއާންގް ބުނާ ގޮތުގައި ޗައިނާގެ އިންޖިނޭރުންނަކީ މިމަސައްކަތުގައި އަރާ ތިބި ބައެކެވެ. އަދި މިއީ ހުޅަނގުގެ ގައުމުތަކަށް ފަހުމްކުރަންވެސް ދަތިވާނެ ކަމެއް ކަން އޭނާ ފާހަގަކުރެއެވެ.

ޗައިނާގައި 2019-އެންކޯވް ރޯގާ ފެތުރެމުންދާ ވޫހާން ސިޓީގައި 6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަނީ (ފޮޓޯ ނަގާފައިވަނީ 24/01/2020)/ފޮޓޯ: އޭއެފްޕީ

ޗައިނާގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވޫހާން ހޮސްޕިޓަލު އަޅާ ސަރަހައްދުގައި މިހާރުވެސް 35 ޑިގާއާއި 10 ބުލްޑޯޒަރު ދަނީ ހަރަކާތްތެރިވަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތަސްވީރުތަކުންވެސް މި މަޝްރޫއުގެ ދުވެލި އިހުސާސްކޮށްލެވެއެވެ.

ވޫހާން ހޮސްޕިޓަލަށް ބޭނުންވާ ބޭސްފަރުވާއާއި އެހެނިހެން ސިއްހީ އާލާތްތައް ހޯދުމަކީވެސް އުނދަގޫކަމެއް ނޫންކަމަށް ހުއާންގް ބުނެއެވެ. ޗައިނާގެ އެހެން ހޮސްޕިޓަލުން ތަކެތި ގެންގޮސްގެން ހޮސްޕިޓަލު ހިންގުމުގެ ފުރުސަތު އޮތްއިރު، ޗައިނާގެ ކާރުހާނާތަކަށް ވަގުތުން އޯޑަރު ޖަހައިގެން ވަސީލަތްތައް ހޯދުމަކީވެސް އުނދަގޫ ކަމެއް ނޫންކަމަށް ހުއާންގް ބުނެއެވެ.

ފަންނީ މުވައްޒަފުންނަށް ބަލާއިރު ޗައިނާ އަސްކަރިއްޔާއަށް ހިދުމަތް ކުރަމުންދިޔަ 150 އެއްހާ ސިއްހީ ތަޖުރިބާކާރުން މިހާރު ވަނީ ވޫހާންއަށް ބަދަލުކޮށްފައެވެ. ނަމަވެސް އެއީ އަލަށް އަޅާ ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ބައެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.