2019-އެންކޯވް ރޯގާ ޖެހިގެން އެގައުމުން އިތުރު 15 މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 41 އަށް އަރާފައިވާކަން ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

ޗައިނާގައި ގަވައިދާ ހިލާފަށް ސީފުޑްއާއި އެނޫންވެސް ބައެއް ދިރޭތަކެތި ވިއްކަމުންދިޔަ ބާޒާރެއް ހުރި ހޫބޭ ޕްރޮވިންސްގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު، ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް) ޖެހިގެން އެންމެ ފަހުން މަރުވި 15 މީހުންވެސް މަރުވެފައިވަނީ ހޫބޭ ޕްރޮވިންސްއިންކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ.

2019-އެންކޯވްއަށް ޗައިނާއިން ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 1287 އަށް އަރާފައެވެ.

މި ދަނޑިވަޅަކީ ޗައިނާގައި ފާހަގަކުރާ އެގައުމުގެ އާ އަހަރު ފެށޭ ދަނޑިވަޅުކަމަށް ވާއިރު، މިކަމުގެ މުނާސަބާއާ ގުޅޭ ގިނަ އިހުތިފާލުތަކަކާ ހަރަކާތްތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މި ދަނޑިވަޅަކީ ގިނަ ބަޔަކު ޗައިނާގެ ތެރޭގައާއި ޗައިނާއިން ބޭރަށް ގިނަ އަދަދަކަށް ދަތުރުކުރާނެ ދުވަސްވަރެއް ކަމުން، އިތުރު ހިސާބުތަކަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެބައޮތެވެ.

2019-އެންކޯވްގެ އަސަރު މިހާރު ވިލާތުންވެސް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން ފަރަންސޭސިވިލާތުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައިވާ 3 ކޭހެއް ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 2 ކޭހެއް ކަށަވަރުވެފައިވަނީ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕެރިހުންކަމަށް ފަރަންސޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން ޖަޕާން، ތައިލޭންޑް، ޓައިވާން، ވިއެޓްނާމް، ދެކުނު ކޮރެޔާ، ސިންގަޕޫރު އަދި އެމެރިކާއިންވެސް މި ވައިރަހަށް މީހުން ޕޮޒިޓިވް ވެފައިވާއިރު، ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ވޫހާން މިހާރު އޮތީ ކަރަންޓީން ކޮށްފައެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، ހޫބޭ ޕްރޮވިންސްގެ އެއް ސިޓީއިން އަނެއް ސިޓީއަށް ދަތުރުކުރުންވެސް ވަނީ މެދުކަނޑާލާފައެވެ.

2019-އެންކޯވް ކަމަށް ޝައްކު ކުރެވޭ ކޭސްތަކެއް ފެނިފައިވާކަމަށް، އިނގިރޭސިވިލާތާ ކެނެޑާއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.