މީލާދީ އާ އަހަރަކަށް ފެށިގެން ދިއުމާއެކުހެން މުޅި ދުނިޔެ ސިއްސުވާލި އެއް ޚަބަރަކީ ކޮރޯނާ އާއިލާއަށް ނިސްބަތްވާ ނުރައްކާތެރި ވައިރަހެއް ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާންއިން އުފެދި، އެކި ހިސާބުތަކަށް ފެތުރެމުންދާ ޚަބަރެވެ. 2019-އެންކޯވްގެ ނަމުން މިވަގުތަށް ނަންދީފައިވާ މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ޗައިނާގެ އިތުރު ޖަޕާނު، ދެކުނު ކޮރެޔާ، ތައިލޭންޑް، ޓައިވާން، ވިއެޓްނާމް އަދި ސިންގަޕޫރުން ފެނިފައިވާއިރު، މި ރޯގާ ކަމަށް ޝައްކު ކުރެވޭ ކޭސްތަކެއް ކެނެޑާއާއި އިނގިރޭސިވިލާތުންވެސް ވަނީ ފެނިފައެވެ.
ވައިރަސް އައީ ކޮންތާކުން؟
އަބަދުވެސް އާ ވައިރަހެއް ފެނެއެވެ. ފާހަގަ ނުކުރެވި އުޅެނިކޮށް އެކަތިން އަނެއްކައްޗަށް މި ވައިރަސް ދަތުރުކުރަމުން ގޮސް އިންސާނުންނާ ހިސާބަށްވެސް އާދެއެވެ.
ޔުނިވާސިޓީ އޮފް ނިޓިންގްހަމްގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޕްރެފެސާ ޖޮނަތަން ބޯލް ބުނާ ގޮތުގައި މާޒީގައި ހިނގާފައިވާ މިފަދަ އެކި ހާދިސާތަކަށް ބަލާއިރު، މިހާރު ފެނިގެން އުޅޭ ވައިރަހަކީ ހަގީގަތުގައިވެސް ކޮރޯނާ އާއިލާގެ ވައިރަހަކަށް ވެއްޖެނަމަ އެ ވައިރަހުގެ ފެށުން އައީ ޖަނަވާރު ގެންގުޅޭ ހިސާބަކުންނެވެ.
ޗައިނާއިން އުފެދި، ދުނިޔެ ސިއްސުވާލި ސާސް ރޯގާގެ ފެށުން އައީ ވާލާ ހިސާބުން، ބުޅަލަކަށް އޭގެ އަސަރުކޮށްގެން އިންސާނުންނާ ހިސާބަށް އެ ބަލި ފޯރައިގެންނެވެ. އެއަށްފަހު 2012 ވަނަ އަހަރު މެދުއިރުމަތިން ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓޮރީ ސިންޑްރޯމްގެ ފެށުން އައީ ޖަމަލު އާއިލާއިންނެވެ.
މިފަހަރު ކޮން ޖަނަވާރެއް؟
ވައިރަސް އުފެދިފައި އޮންނަ ޖަނަވާރުންގެ ރިޒަވަޔާ ފެނިއްޖެނަމަ މައްސަލަ ހައްލު ކުރަން ވަރަށް ފަސޭހަވާނެއެވެ.
2019-އެންކޯވް ވައިރަހުގެ ފެށުން ގުޅެނީ ޗައިނާގެ ދެކުނުގެ ސަރަހައްދުގައި ސީފުޑްގެ ހޯލްސޭލް ބާޒާރެއް ހިންގަމުންދާ ސަރަހައްދަކާއެވެ. ބުނެވޭ ގޮތުގައި މިސަރަހައްދަކީ ޣައިރު ގާނޫނީ ގޮތެއްގައި މި ވިޔަފާރި ކުރަމުންދާ ސަރަހައްދެކެވެ. ކަނޑުގައި އުޅޭ ބެލޫގާ ވޭލް ފަދަ މަންމަލި ޖަނަވާރުން ކޮރޯނާވައިރަސްތައް ދަތުރުކުރާއިރު، ވޫހާންގެ ބަޒާރަކީ އެއްގަމު ޖަނަވާރާ ނާމްސޫފީގެ ވިޔަފާރިވެސް ކުރާ ސަރަހައްދެކެވެ. އެގޮތުން ކުކުޅު، ވާ، މުސަޅު، ހަރުފަ ޒާތުގެ ދިރޭތަކެތި މި ސަރަހައްދުގައި ވިއްކާއިރު، މިތަކެއްޗަކީވެސް ވައިރަހުގެ މަސްދަރަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ވާލު ސޫޕްގެ ވާހަކަ
މީޑިއާގައި ދައުރުވަމުންދާ ބައެއް ޚަބަރުތަކަށް ބަލާއިރު، ތަޖުރިބާކާރުން ބުރަވާ ގޮތުގައި 2019-އެންކޯވް ރޯގާ އިންސާނުންނާ ހިސާބަށް ފޯރާފައިވަނީ، މި ރޯގާ އެންމެ ފުރަތަމަ ފާހަގަކުރެވުނު ވޫހާން ސިޓީގައި މަގުބޫލު ކެއުމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ވާލުގެ ޒަރިއްޔާއިންނެވެ.
ކަންމިހެން އޮތްއިރު، މިސަރަހައްދަކީ ހަރުފަ ބޭނުންކޮށްގެން އެކި ކަހަލަ ކެއުންތައްވެސް ތައްޔާރުކުރަމުންދާ ސަރަހައްދެކެވެ. މީގެ އިތުރުން ދިރޭ ކުދި މީދަލަކީވެސް މިސަރަހައްދުގައި ކެއުމަށް ބޭނުން ކުރާ ބާވަތެއް ކަމުން މިއިން ކޮންމެ އެއްޗަކުންވެސް ވައިރަސް ދަތުރުކުރުން އެކަށީގެންވެއެވެ. ސައިންވެރިން މިހާރު ދަނީ މިކަން އިތުރަށް ދިރާސާކޮށް، ކަށަވަރު ކުރަމުންނެވެ.
ހަރުފަ
މިހާރު ފެތުރެމުންދާ ރޯގާއަކީ ވާލު ސޫޕެއްގެ ޒަރިއްޔާއިން ފެތުރޭ ރޯގާއެއް ކަމަށް މީޑިޔާގައި އަޑު ފެތުރުނު ނަމަވެސް މިކަމާ ދެކޮޅު ހަދާ ތަޖުރިބާކާރުންވެސް އެބަ އުޅެއެވެ. އެމީހުން ބުނާ ގޮތުގައި ވައިރަސް ފެތުރިގެން އައި ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރު ކަމުން، އެއީ ވާތައް 'ހައިބަނޭޓް' ކުރާ ދުވަސްވަރެވެ.
ހަރުފައަކީ ރޭގަނޑުގެ ވަގުތަކުގައި ވާލަށް ޝިކާރަކުރާ އެއްޗެކެވެ. އެހެންކަމުން ހަރުފައަށްވެސް މި ވައިރަސް އެރީ ވާލުގެ ފަރާތުން ކަމަށް ބުރަވާ ބަޔަކު އުޅެއެވެ. އަދި އިންސާނުންނާ ހިސާބަށް ވައިރަސް ފޯރާފައިވަނީ ހަރުފަ ކެއުމުގެ ސަބަބުން ކަމަށް ބުނެއެވެ.
ކަންމިހެން އޮތްއިރު ސައިންސްވެރިން ހައިރާން ކުރުވާ ކަމެއް އެބައޮތެވެ. 2019-އެންކޯވް ވައިރަހަކީ، ލޭ ފިނި ހަރުފަ ޒާތުގެ ދިރޭ ތަކެތީގެ އިތުރުން، ލޭ ހޫނު މަންމަލި ޖަނަވާރުންވެސް ފެތުރޭ ވައިރަހަކަށް ވާ ކަމީ ސައިންސްވެރިންނަށް އަދިވެސް ޖަވާބު ނުލިބި އޮތް ހައިރާން ކުރުވަނިވި އެއް ސުވާލެވެ.
ދިރާސާ ކުރާ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ވަކިވަކި 3 ޓީމަކުން މިހާރު ދަނީ ކޮރޯނާ ވައިރަހާ ދެކޮޅަށް ވެކްސިން ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެމެރިކާގެ 2 ކުންފުންޏަކާ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކުއީންސްލަންޑްގެ ދިރާސާ ޓީމެއް ހިމެނެއެވެ.
ލިޔެލާފަ ރިޗެކް ކޮށްލިބާ؟
ތިއީ ހަމަ ކޯފާ އެއް ކިތައް މުސްލިމުންނަށް ގޮތްގޮތް ހަދާފަ އެއަވަށުން ނުނިކުމެވޭ ގޮތް ހަދާފަ ހާލުގަ ޖައްސާފަ އެތިބީ؟މިހާރު މިމީހުން މިތިބީ ހާލުގަ ޖެހިފަ ގޭގަ ތާށި ވެފަ ބޭރަށް ނުނިކުމެވިފަ!..