މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާ އާއިލާއަށް ނިސްބަތްވާ އާ ރޯގާ (2019-އެންކޯވް) ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާކަމަށާ، މި ރޯގާއަށް އިންފެކްޓްވެފައިވާ މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން މިއަދު ކަށަވަރުކޮށްދީފިއެވެ.

2019-އެންކޯވް އޮތީ ޗައިނާގައި ނުރައްކަލުގެ ހާލުގައި ކަމަށާ، ނަމަވެސް ދުނިޔޭގެ ނިސްބަތުން ކާރިސާގެ ހާލަތު އިއުލާން ކުރަން އަދި މާ އަވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހަކީ ޗައިނާގައި ފާހަގަކުރާ އެގައުމުގެ އާ އަހަރުގެ މުނާސަބާ ފަށާ ދުވަހަށް ވެފައި ޖެހިގެން އަންނަ ހަފުތާއަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުން، އެގައުމުން ގިނަ ބަޔަކު އެކި ހިސާބުތަކަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މިއާއެކު ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކަންމިހެން އޮތްއިރު، ޗައިނާއިންވަނީ މި ރޯގާ އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ކަރަންޓީން ކޮށްފައެވެ.

އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފެތުރެމުންދާ 2019-އެންކޯވް ރޯގާ ޖެހިފައިވާ މީހުން ޖަޕާން، ތައިލޭންޑް، ޓައިވާން، ދެކުނު ކޮރެޔާ އަދި އެމެރިކާއިން ފެނިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މި ލިސްޓަށް ވިއެޓްނާމް އަދި ސިންގަޕޫރުވެސް މިހާރުވަނީ އިތުރުވެފައެވެ. އަދި މި ރޯގާކަމަށް ޝައްކު ކުރެވޭ ކޭސްތަކެއް އިނގިރޭސިވިލާތާ ކެނެޑާއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ފަރުވާ އަކީ ކޮބާ؟

އެ ވައިރަސް އުފެދި، ފެތުރެން މެދުވެރިވި ސަބަބު އަދި މުޅިން ކަށަވަރުވެފައި ނުވާ 2019-އެންކޯވް އިންފެކްޝަންއަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޖިލީޑް ސައިންސަސް އިންކޯޕަރޭޝަންއިންވަނީ އެބޯލާ ރޯގާއަށް ބޭނުންކުރި ފަރުވާގެ ތެރެއިން 2019-އެންކޯވްއަށް ފަރުވާއެއް ލިބޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

ޖިލީޑްއިން ތައްޔާރުކުރަމުންދާ މާއްދާ ޖަނަވާރުތަކުގައި ޓެސްޓުކޮށްފައިވާއިރު، ކޮރޯނާ އާއިލާގެ ސާސް ރޯގާއަށް ފަރުވާ ހޯދިފައިވާކަން އެ ކުންފުނިންވަނީ ހާމަކޮށްފައެވެ.