ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބިދާނެ ކަމަށް ބެލެވޭ ތަންތަން ފާހަގަކޮށް، ސަރުކާރުން އެތަންތާނގައި ފާހަގަ ޖަހައި ބަލަހައްޓާނެ ކަަމަށާއި އެކަން ކޮށްނުދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސްވެސް ނިދަން ނުދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެ ހުޅުވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި ހުރިހާ ދަރީންނަށް ޔަގީންކޮށްދޭ އެއް ކަމަކީ ޖިންސީ ގޯނާގެ ޝިކާރައަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ، ނުވަތަ ޝިކާރައަކަށް ވެދާނެ ކުއްޖާ ހުންނާނެ ތަން ބެލޭނެ ގޮތް ހޯދިފައިވާ ކަމުގެ ޔަގީންކަން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުމެ އިނގިދާނެ މިއަދު މިވެނި ރަށެއްގެ މިވެނި ގެއެއްގެ މިވެނި ތުއްތު ތުއްތު ކުއްޖަކަށް އެދަނީ އަނިޔާ ކުރަމުންކަން، އެކަމު އިލްމީ ދިރާސާއިން ނުވަތަ އިލްމީ ވިސްނުމުން އަޅުގަނޑުމެންނަށް އަންދާޒާ ކުރެވިދާނެ ކޮން ތަނެއްގައިތޯ މިބާވަތުގެ ކަމެއް ހިނގާނީ،.. އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭނެ ކޮންތަނެއްގަތޯ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ލިބިދާނީ، ސަރުކާރުން އިރާދަ ކުރެއްވިއްޔާ ކުރިއަށް، ކުރިއަށް ފާހަގަ ޖަހާފަ ކުރިއަށް އެތަން ބަލަހައްޓާނަން، އަޅުގަނޑު ޔަގީންކަން އަރުވަން ސަރުކާރުން ތިބޭފުޅުންނަށް މިކަން ކޮށްނުދީ ރައީސް ސޯލިހުވެސް އަވަހާރަޕުޅެއް ނުލައްޕަވާނެ އަދި އަޅުގަނޑުމެންވެސް ނިދާކަށް ނުދާނަން،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލުކުރަން ބޭނުންވަނީ ނަމަ، އެންމެ ފުރަތަމަ ވާން ޖެހެނީ އިންސާނުންނަށް ކަމަށެވެ. އަދި މާތް ރަސްކަލާންގެ އަންގަވާފައިވާ ގޮތްތަކުގެ މަތިންނާއި އިންސާނީ އާންމު އުސޫލުތަކުގައި ދިރިއުޅޭ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުންވެސް ތާ އަބަދުމެ ފާރަލައިލައި ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ކަށަވަރު ކޮށްދޭންވީ ކުޑަކުދިންގެ ހައްގުތައް ކަމަށާއި އެންމެ ވޯޓެއް ނުލިބުނު ކަމުގައިވިޔަސް، އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ހަގީގީ މަގުސަދަށް ވާންޖެހޭ ކަމަށްވެސް އެނަމިނުފާނު ވިދާޅުވިއެވެ.

"މި މަސައްކަތް އަޅުގަނޑުމެންނަށް ވަރަށް މުހިންމު، އަދި އެ މަސައްކަތަކީ އަޅުގަނޑުމެންނަށް އެއް ދުވަހު އެންމެ ވޯޓެއް ނުލިބުނުނަމަވެސް، އަޅުގަނޑުމެންގެ ހަގީގީ މަގުސަދު، އަޅުގަނޑުމެން އަސްލު މިކަމަަށް ނިކުމެ ތިބި ސަބަބު،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އާއިލާއާއި އަދި ގާތްތިމާގެ މީހުން ހަނު ނުތިބުމަށެވެ. އަދި ކުދިންނަށް ސަލާމަތްތެރިކަމާ އެކުގައި ނޫޅެވޭނެ މާހައުލެއް އޮތުމަކީ އެމްޑީޕީން ސަރުކާރުން ގަބޫލުކުރާނެ ގޮތެއް ނޫންކަމަށެވެ.

ޒަމާންތަކެއް ވަންދެން މިމައްސަލައާ މެދު "ވަރިހަމަ" ވެފައި ތިބެވިއްޖެ ކަމަށާއި ދެން އެހެން ކަން ވިޔަ ނުދެއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވެނީނަމަ، ސިޔާސީ މަސައްކަތުގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.