މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ ކަމަށް ބުނާ އާ ރޯގާ (2019-އެންކޯވް)ގެ ހާލަތު އަދި އޮތީ ބައިނަލްއަގުވާމީ އެމާޖެންސީ ހާލަތު އިއުލާން ކުރާ ފަދަ ގޮތަކަށް ނޫންކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ބުނެފިއެވެ.

ޑަބްލިއު.އެޗް.އޯއިން މިކަން ހާމަކޮށްފައިވަނީ، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ 2019-އެންކޯވްއާއި ގުޅިގެން އެ އިދާރާއިން ސުވިޓްޒަލޭންޑްގެ ޖެނީވާގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ އެމާޖެންސީ ބައްދަލުވުމަށް ފަހުގައެވެ.

ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓޭޑްރޯ ގެބްރީއޭސޫސް ވިދާޅުވީ، 2019-އެންކޯވް ފެތުރެމުންދާ ގޮތާ ބެހޭ އިތުރު މައުލޫމާގު އަދިވެސް ބޭނުންވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ޑަބްލިއު.އެޗް.އޯގެ ސިއްހީ ތަޖުރިބާކާރުންގެ ކޮމިޓީއިން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިތުރު މަޝްވަރާތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށް ޑރ ގެބްރީއޭސޫސް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

ބައިނަލްއަގުވާމީ އެމާޖެންސީގެ ހާލަތަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ބަލިމަޑުކަމެއް ފެތުރެމުންދާ ވަގުތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރޭ އިންޒާރުގެ އެންމެ ނުރައްކާ ރޭންކްގެ އިންޒާރެކެވެ. މިހާތަނަށް މިފަދަ އިންޒާރެއް ނެރެފައިވަނީ، ސްވައިން ފްލޫ، ޒިކާ ވައިރަސް އަދި އެބޯލާ ރޯގާ ފެތުރިގެން އައި ދުވަސްވަރުގައެވެ.

2019-އެންކޯވްއާއި ބެހޭ ގޮތުން މިހާތަނަށް އެނގެނީ ކިހާ ވަރަކަށް؟

މި ރޯގާއާއި ގުޅިގެން މާ ބޮޑު ހޯދުންތަކެއް އަދި ހޯދިފައެއް ނެތެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ވައިރަސް ފެތުރެން ފަށާފައިވަނީ ގަވައިދާ ހިލާފަށް ޖަނަވާރު ގަނެވިއްކާ ބާޒާރެއް ހިމެނޭ ސަރަހައްދަކުންނެވެ. ވައިރަސް ފެތުރެން ފެށުމާއެކު އެ ބާޒާރު ހުރި ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.

މިހާތަނަށް ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު 2019-އެންކޯވް ވައިރަހަކީ، އެ ވައިރަހުގެ އަސަރު ކޮށްފައިވާ އިންސާނެއްގެ ގައިން އެހެން މީހުންގެ ގަޔަށް ފެތުރުމުގެ ގާބިލުކަންވެސް ލިބިފައިވާ ވައިރަހެކެވެ. އެގޮތުން ބަލިޖެހިފައިވާ މީހުންގެ އާއިލާ މީހުންނާ، އެމީހުންނަށް ފަރުވާދޭ ސިއްހީ އޮފިޝަލުންގެ ހަށިގަނޑަށްވެސް ވައިރަސް ފެތުރެމުންދާކަމަށް މައުލުމާތު ލިބެއެވެ.

ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބިފައިވާ ބައެއް ސުވާލުތަކުގެ ތެރޭގައި، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިވައިރަސް އަރާ ހަލުވި މިނާ، ފެތުރޭ މިންވަރު ފަދަ ކަންކަން ހިމެނެއެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަވެސް ހަމަލާ ދެނީ ނޭވާލާ ނިޒާމަށެވެ. އެގޮތުން ފުއްޕާމެޔަށް އިންފެކްޝަން ޖައްސާ، ނިއުމޯނިއާގެ އަލާމާތްތައް ފެންނަން ފަށައެވެ. ހުން އައިސް ކެއްސައެވެ. މީގެ އިތުރުން ނޭވާ ކުރުވުމާ، ނޭވާލް އުނދަގޫވުން ފަދަ ނުރައްކާ ދަރަޖައަކަށް ބަލިމީހާ ވައްޓާލައެވެ.

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ސިއްހީ އެހީތެރިންގެ ސަމާލުކަމަށް އެކަން ގެނެސް، އެ ފަދަ ފަރާތްތަކުގެ ބެލުމުގެ ދަށުން ފަރުވާ ފަށަން ވާނެއެވެ.